މިއީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއެވެ. ޒަމާންވީ ތާރީޚަކާއި ޘަޤާފަތެއް އޮތް ދިވެހިންގެ ދީބުގެ ވެރިރާއްޖެއެކެވެ. އަމިއްލަ އަކުރަކާއި އަމިއްލަ ބަހެއް އޮތް އަޅުގަނޑުމެންގެ އަމިއްލަ ވަތަނެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާ އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑެވެ. މައިވަންތަކަމުގެ ކުލުނު އެތަނެއްގައިވި ނަލަރީތި ފަސްގަނޑެވެ. މިއީ އަޅުގަނޑުމެން އެއްވެސް ދިވެއްސަކު ދެބަސްވާނޭ ކަންތަކެއްނޫންކަން ޔަޤީނެވެ.
އަޅުގަނޑުމެން މިއަދު މި ފާހަގަ ކުރަނީ މާސިންގާ ކަނޑުގެ މެދުގައިވާ ކުދިކުދި މުތީތަކެއްފަދަ ޖަޒީރާތަކުގެ ޖުމްހޫރީ ދުވަހެވެ. ބަވަނަވެފައިވާ މިދުނިޔޭގެ އެތަންމިތަނުން ކަޅިއަޅަމުން ގެންދާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ކަންމިހެން ހުރި އިރު، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ އެތައްކަމެއް އަޅުގަނޑުމެންގެ ބޯމަތީގައި ކަޅުވިލާގަނޑުތަކެއްފަދައިންވަނީ ފުނިޖެހިފައެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އަޅުގަނޑުމެންގެ ޘަޤާފަތާއި އަޅުގަޑުމެންގެ މަސައްކަތްތެރިކަމާއި މިހެންގޮސް އެތައްކަމެއް މިވަނީ ފުނިޖެހިފައެވެ.
އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތު އަރާއަރަފޯދިގެން ހަމައިސްކޮޅަށް ތެދުވެ، ހަށިފުރާ ނޭވާލުމަށް ބަލާލާ އިރު، ޖުމްހޫރިއްޔަތެއްގެ ފޮނިކަމާއި މީރުކަން މިޤައުމުން މިހާރު ފެންނަން ނެތްކަމީ ދެބަސްވެވެން އޮތް ޙަޤީޤަތެކެވެ.
ސަބަބުތައް ބައިވަރެވެ. އަޅުގަނޑުމެންގެ މަސްކަނޑުތަކުގައި މީގެ ކުރިން ފަޚުރުވެރިކަމާއި ހީވާގިކަމާއެކު ދިވެހިން ހޭބޯނާރާ އުޅުނު ކަމުގައިވިޔަސް މިއަދު މަންޒަރު ބަދަލުވެ އެ މަސައްކަތް ކުރަނީ ބިދޭސީންނެވެ. ދަނޑުގޮވާން ކުރުމުގައި އަޅުގަނޑުމެންގެ ކާބަފައިން ދުވަސްތައް ހޭދަކޮށް ސިކުނޑިން ތެޔޮ ހިލުވާލާފައިވީ ނަމަވެސް އެދިމާލުންވެސް ބިދޭސީން ފެންނަމުންދާ އިރު، މާޒީގައި ބުންބާމީހުންގެ ވިޔަފާރި މުޅި ރާއްޖޭގައި އަތްގަދަކޮއްފައި އޮތްދަރަޖައަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް މިހާރު އަޅުގަނޑުމެންގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވަނީވެސް ބިދޭސީންނެވެ. މިހެންކިޔަމުންގޮސް ލިސްޓު ދިގު ކުރުމުގެ ބޭނުމެއްނެތެވެ. މިކަންކަމާ ވިސްނާ ފިކުރު ކުރާނެ އެންމެ ސިކުނޑިއެއްވެސް މިދިވެހި ފަސްގަނޑުގައި ނެތޭ ބުނުމަކީ ކުށަކަށް ނުވާނެކަން ޔަޤީނެވެ.
އަޅުގަނޑުމެންގެ ކާބަފައިން ޖުމްހޫރިއްޔަތެއް ގެނެސް އަޅުގަނޑުމެންނާއި ޙަވާލު ކުރީ ވަރަށްވެސް ބޮޑު ފޮނި އުއްމީދުތަކެއް އޮވެގެންކަމާމެދު ޝައްކެއް ނެތެވެ. ޤައުމުގެ ވަލީއުލްއަމްރުކަން ވަކި މީހަކާ ޙަވާލު ކުރަނީވެސް ވަކި މަޤުޞަދެއްގައި ނަމަވެސް އެ ރައްޔިތުން ބިކަވެ، މަގުމަތިވަމުންދާ އިރު، ދިވެހި ޤައުމުގައި އަތްގަދަކުރަމުންދާ ބިދޭސީންގެ އާބާދީ މަދުކުރުމަކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ. ނުވަތަ އެކަމަށް އަޅުގަނޑުމެންގެ ސަރުކާރުތައްވަނީ ނުކުޅެދިފައޭ ދެންނެވުމަކީ ޙަޤީޤަތުން ބަރީޢަވުން ކަމަކަށް ނުވާނެއެވެ.
އަދުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އެތައް ވަޒީފާތަކެއްގެ ފުރުޞަތު ތަނަވަސްކޮއްދީފައިވާ އިރު، އެންމެ ބޮޑު އިސްކަމެއްދެއްވާފައިވަނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަނުގެ ކޭޝިއަރުން ނުވަތަ މާދަރީ ބަހުން ދަންނަވާނަމަ ސޭޓުންގެ ވަޒީފާއަށް ޒުވާނުން އަހުލުވެރި ކުރުވުމަށެވެ. އެކަމަށް ތަމްރީނު ޕްރޮގްރާމުތަކެއްވެސް ހިންގަވާފައިވީނަމަވެސް މިހާރުވެސް ބޮޑެތިންގެ ހިއްސާ އާ ނުފޫޒު އޮންނަ ހޮޓާ، ރެސްޓޯރެންޓު، ކެފޭ ފަދަ ތަންތަނުގައި އަދިވެސް ތިބެނީ ބިދޭސީންކަން މިފާހަގަކުރަނީ ހިތާމައާއެކުގައެވެ.
ދިވެހި ޖުމްހޫރިއްޔަތަށް 47 އަހަރު ފުރިގެންދާ އިރު، މި ޤައުމުގައި ޤައުމީ ރޫހެއް، ޤައުމީ ވަންތަކަމެއް ޤައުމުދެކެ ލޯބިވާ ވެރިއަކު ނެތޭ ބުނުމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެއްކަން ޔަޤީނެވެ. ވާނީވެސް އެހެންތާއެވެ! ޤައުމުގެ ތާރީޚުގެ ފަތްފުށްތައް ހާވާލާއިރު، ފެނިގެންދަނީ ޕޯޗުގީޒުންނާއި މަލާބާރީންނާއި އަނދިރިއަނދިރިން ރާއްޖެއަށް ވެރިވެ، އަތްގަދަ ކުރި ވާހަކަތައް ވިއްޔާއެވެ. އޭރު އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު އަޅުގަނޑުމެންނާއި ހަމައަށް ވާޞިލު ކޮއްދިނުމަށްޓަކައި ކޮއްދެއްވާފައިވާ އަގުނުކުރެވޭ ބުރަ މަސައްކަތަކީ ޤަލަމަކުން ދުލަކުން ބަޔާން ކުރެވޭ ވަރަށްވުރެ ބުރަދަންހުރި ރަންމުތްތަކެކެވެ.
އެހެން ނަމަވެސް މިވާހަކަތައް އަޑުއިވޭ އެއްވެސް ކަންފަތެއް މިޤައުމުގައި މިއަދު ނެތް އިރު، މި މަންޒަރުތައް ފެންނަ އެންމެ ލޮލެއްވެސް ނެތޭ ބުނުމަކީ ދުލުން ބުނެވޭ ފާފައަކަށް ނުވާނެކަން ކަށަވަރެވެ. ޕޯޗުގީޒުންނާއި އަނދިރިއަނދިރިންނާއި މަލާބާރީންނާއި ފުށިތުކާލުން މިޤައުމުގައި ހިންގި ޖަރީމާތަކާއި އަޅާކިޔާ އިރު، މިޤައުމުގައި މިއަދު މިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ބަދުއަޚުލާޤީ މައްސަލަތައް ހައްދުފަހަނައަޅާ ގޮސްފައެވެ.
އަޅުގަނޑުމެންގެ އާބާދީގައި އެންމެ 4 ލައްކައެއްހާ މީހުން އުޅެމުން ގެންދާއިރު، ބިދޭސީންގެ ނިސްބަތް މިވަނީ ލައްކައަކަށް ވުރެ މައްޗަށް އަރާފައެވެ. މިހެން މިކަން އޮތް އިރު، ދިވެހިންގެ ޖުމްހޫރިއްޔަތަށް އަހަރުތަކެއް ވެގެންދާއިރު، ޤައުމިއްޔަތުގެ ބިންގާ މިވަނީ ފުޑުފުޑުވެގެން ދިއުމުގެ ސަބަބުން ކިތަންމެ ވަރުގަދަ ސިމެންތިއެއް އެޅިނަމަވެސް އަލުން މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެގެން ގޮސްފައިކަމާމެދު މިއަދު ދެބަސްވާނީ ކާކުތޯއެވެ!
ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެން ރޫޙެއް ހަމަދިރޭ އައުދާނަ ޤައުމީ ލޯބި ހިތްތަކުގައި ހުރެގެން ކަމަށްވީ ހިނދު، ދިވެހިންގެ ފަސްގަނޑު ދިވެހިންނަށް އަނބުރާ ހޯދައިދެވިގެންނެވެ. ދިވެހިންގެ މިނިވަންކަން ދިވެހިންނަށް އިޢާދަ ކުރެވިގެންނެވެ. އަންނަން އޮތް ޖީލަށް ޤައުމު ސަލާމަތްކަމާއެކު ވާޞިލު ކޮއްދެވިގެންކަން ކަށަވަރެވެ.
" ހިންދުއެމާ ކަނޑުތެރޭ އަލިރަތްމުތްހެން ދިރޭ، މީ މަގޭ އުފަންބިމޭ ދީބު ދިވެހިމީ " ދުލުން ބުނެލަން ކިތަންމެހާވެސް ފަސޭހަ އެހެން ނޫންތޯއެވެ! އަޑު އަހާލާކަށްވެސް ބުރައެއް ނޫން އެހެން ނޫންތޯއެވެ!
އެހެން ނަމަވެސް ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ޝަހީދު ޙުސައިން ޢާދަމް ފަދަ ޤައުމީ އަބްތާލުން އެނބުރި ވަޑައިގެން މިހާރުވެސް މިއީ ހިންދުއެމާ ކަނޑުތެރޭގައި ދިރޭ އަލިރަތްމުތްތަކެއް ފަދަ އަޅުގަނޑުމެންގެ ދިވެހި ދީބުތޯ ސުވާލު ކުރައްވައިފި ނަމަ މިހާރު އަޅުގަނޑުމެން ދޭނީ ކޮން ޖަވާބެއްތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް