މި ރާއްޖޭގައި ކަންކަން ނިންމުމުގެ ހައްގު، ދިވެހި ދަރިންނަށް އޮންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވި މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންނާ ހަމައިން އައިސްފައިވާކަމާއި، ރައްޔިތުންގެ ވެރިކަން ބަދަލަކުރުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުންނަށް ލިބިގެންވާކަން ފާހަގަ ކުރައްވަމުން، ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ޤާބިލުކަން ދިވެހިންގެ އެބަހުރިތޯ ރައްޔިތުންނާ ސުވާލު ކުރެއްވިއެވެ. އަދި، އެޤާބިލުކަން ދިވެހިންގެ އެބަހުރި ކަމުގައި ވިދާޅުވެ، އެމަނިކުފާނާއެކު ހުރިހާ ރައްޔިތުންވެސް މިކަމަށް އެއްބަސްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެއަކީ ކުރިއަށް ދާން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ވާންޖެހޭނެކަމަށާއި، ދައުލަތުން ކުރައްވާ މަސައްކަތްޕުޅުގެ ދުވެލި ދާންވާނީ ކުރިއަށް ކަމަށެވެ. އަދި، އަޅުގަނޑުމެން އަބަދުވެސް ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވިދާޅުވެ، މިކަން މިހެން އޮތްނަމަވެސް، ދިވެހި ޤައުމު ދާންވާނީ ކުރިއަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި ސަރުކާރުން ސާބިތުވެ ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވަން، މި ސަރުކާރުގެ އެދިވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އުފާފާގަތިކަން ކަން، ދިވެހިރާއްޖެއަކީ ތަނަވަސް ދައުލަތަކަށް ވެގެންދިޔުން، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ހުރިހާ ދިމާލަކަށް ޢާންމުކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ މި ޢަޒުމަކަށް ބަދަލެއް ނާންނާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ޤައުމުގެ މަޞްލަޙަތާއި، ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤު އެކަށައަޅައިދީ، ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި، ދިވެހިރާއްޖެއަށް މި ދިމާވި ކަންކަމުންނާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި އުވާލުމަކުން، ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށް ދިވެހި ދައުލަތުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް އަސަރެއް ނުފޯރާ މިންވަރަށް، އިރާދަކުރެއްވިއްޔާ ސަރުކާރުގެ މިޞްރާބު ސީދާކުރައްވައި، ސަރުކާރުގެ މަސައްކަތްޕުޅުތަކުގައި ސާބިތުކަންމަތީ ތިއްބަވާނެ ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ޤައުމު ފަޚްރުވެރިވާ ދުވަހެއް ކަމަށާއި ޤައުމު ފަޚްރުވެރިވަނީ، ޤައުމުގެ މަތިވެރި ރައްޔިތުންނަށްޓަކައި ކަމަށެވެ. މިގޮތުން، ޖުމްހޫރިއްޔަތުގެ މަސައްކަތް ފުރިހަމަވެގެންދަނީ ދިވެހިރާއްޖެ މިހާހިސާބަށް ގެނެސްދެއްވައި، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، އެކި ރޮނގު ރޮނގުން ޤައުމަށް ކުރިއެރުން ލިއްބައިދީފައިވާ ފަރާތްތަކުގެ އަގުހުރި ޚިދްމަތްތަކުންނާއި މިޤައުމުގެ ރައްޔިތުންގެ ހުރި ހިތްވަރާއި ފަންވަރުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް