މަރަން ހުކުމް ކުރާ މީހުންނަށް މައާފް ނުދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅަން ނިންމާފައިވާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މިއަދު ފޮނުއްވި ނޫސް ބަޔާނެއްގައި މެމްބަރު ވިދާޅުވެފައިވަނީ މަރަން ހުކުމް ކޮށްފައިތިބޭމީހުންނަށް ރައީސް މާފުދެއްވުމުގެ ސަބަބުން އުމުރު ދުވަހަށް ޖަލަށް ހުކުމް ބަދަލުކުރާ މީހުން 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް އެނބުރި މުޖުތަމައުގެ ތެރެއަށް އައުމުގެ ފުރުސަތު މިހާރު ހުރި ގާނޫނުތަކުން ލިބިދޭ ކަމަށާއި މިކަމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ނުރައްކާހުރި ކަމަކަށްވާތީ ބޮޑެތި ކުށްތަކުގައި މަރަން ހުކުމް ކުރާ މީހުންނަށް ދެވޭ އަފްޢާމް ނުވަތަ މާފެއްގެ ތެރެއިންވެސް ޖަލުގައި ހުކުމް ތަންފީޒްކޮށް އެނބުރި މުޖުތަމައަށް ނާދެވޭގޮތަށް ގާނޫނަށް ބަދަލުގެންނަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ ލާއިންސާނީ ޢަމަލު ހިންގައި ގަސްތުގައި މީހުން މަރާ މީހުންނާއި، ޓެރަރިސްޓުންގެ ގޮތުގައިވެ ނުވަތަ ޓެރަރިޒަމްގެ ކުށް ސާބިތުވެ ނޫންނަމަ އެނޫންވެސް ގޮތަކުންނަމަވެސް މަރުގެ ޙުކުމް ތަންފީޒް ކުރަމުން އަންނަ މީހުންނަކީ މުޖުތަމައުގައި އެންމެ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ހިމެނޭ މީހުން ކަމަށްވާތީ އެފަދަ މީހުން ޖަލުން ސަލާމަތްވެ މުޖުތަމަޢުގައި އުޅުމުން އުފެދިގެންދާ ނުތަނަވަސްކަމާ ބިރުވެރިކަމުން މުޖުތަމައު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް މެމްބަރުގެ ބަޔާނުގައި ވެއެވެ.
މިސާލެއްގެ ގޮތުން މެމްބަރު ވިދާޅުވެފައިވަނީ 1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށްދިން އުދުވާނީ ހަމަލާރޭވުމުގައި އާއި އެހެނިހެން ގޮތްގޮތުން އެކަމުގައި ބައިވެރިވެ ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކޮށް، އެތައްބަޔަކު ޝަހީދު ކުރުމާ ގުޅިގެން މަރަން ހުކުމްކުރި މީހުންނަށް އޭރުގެ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމް މާފުދެއްވައި ޢުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ކުރެއްވި ކަމަށާއި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށްވުމުން އެމުއްދަތު ހަމަކޮށް ބަޔަކު މިއަދު މިނިވަން ވެފައިވާ ކަމަށެވެ.
މެމްބަރު ވިދާޅުވެފައިވަނީ މިދެންނެވި ޖަލުހުކުމަށްފަހު މިނިވަންވި މީހުންނާމެދު މުޖުތަމައު ދެކެނީ ތަފާތު ނަޒަރަކުން ކަމަށާއި އެމީހުން މިނިވަންކަމާއެކު މުޖުތަމައުގައި އުޅުމަކީ އެދުވަހު ހިތްދަތިކަމާ އަނިޔާލިބި އެވޭނުގައި ބިކަހާލުގައި އުޅުނު މީހުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅަން ބިލު ނިންމާފައިވާކަމަށާއި ޤާނޫނުގެ ތެރެއިން އެކަންކަން އިޞްލާޙް ކުރަން ޖެހޭ ކަމަށްވެސް މެމްބަރުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް