ހެލްމެޓު ނާޅާ އޮށޯވެ އޮވެ ބްރިޖް މަތީގައި ސައިކަލު ދުއްވި ކަމަށް ބުނާ މީހާގެ ބަންދަށް އިތުރު 30 ދުވަސް

ބުރިޖު ހައިވޭގައި ހެލްމެޓު ނާޅާ ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވައި ފުލުހުންގެ އެންގުމަށް ތަބާނުވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކ. މާފުށީ ޒުވާނާގެ ބަންދަ...

11 Oct 2026 | 09:11
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް

ބުރިޖު ހައިވޭގައި ހެލްމެޓު ނާޅާ ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވައި ފުލުހުންގެ އެންގުމަށް ތަބާނުވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކ. މާފުށީ ޒުވާނާގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި ސްނޯސްކައި، އުމުރުން 26 އަހަރުގެ އަހްމަދު ފާރިޒެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައި އޭނާ ބެހެއްޓުމަށް ކަނޑައަޅާފައިވަނީ ކަސްޓޯޑިއަލް ޖަލުގައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، ފާރިޒަށް ތަކުރާރުކޮށް މަޑުކުރަން އެންގުމުން ވެސް އެ އެންގުމާ ހިލާފަށް ދުއްވައިގެންފައިވެއެވެ. އަދި ތަކުރާރުކޮށް ވަންވޭއާ ހިލާފަށް ވެސް ދުއްވައި، ފުލުހުންގެ ކާރުގައި ޖައްސައި ގޭނިގެންދާ ގޮތަށް ދުއްވާފައިވާ ކަމަށް ސީނުގައި ތިބި ފުލުހުންގެ ބަޔާންތަކުން ފާހަގަކުރެވެއެވެ. ފުލުހުން ވަނީ ފާރިޒްގެ ސައިކަލުގައި ޖައްސައި ވައްޓާލާފައި ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފާރިޒް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ފުލުހުންގެ ވެހިކަލުން އޭނާގެ ސައިކަލުގައި ޖައްސައި ވައްޓައިލީ ކަމަށާއި އެއަށްފަހު ފުލުހުން އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށް ބުނެފައެވެ.

ފާރިޒްގެ އަމިއްލަ ބަޔާނުގައި އޭނާ ހެލްމެޓު ނާޅައި ބްރިޖް މަތިން ސައިކަލު ދުއްވި ކަމަށާއި ސައިކަލު ދުއްވަން އެރިއިރު ހުރީ މަސްތު ހާލަތުގައި ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ސައިކަލުގައި އޮށޯވެ އޮވެގެން ދުއްވި ކަމަށް އޭނާ އިންކާރުކޮށްފައިވެއެވެ.

މި މައްސަލައިގެ ބަންދު އަމުރުގައި، އިސް ގާޒީ އާދަމް މުހައްމަދު ފާހަގަކުރައްވާފައިވާ ގޮތުގައި މަސްތު ހާލަތުގައި ހުރެ އެއްވެސް އުޅަނދެއް ދުއްވުމަކީ އެ އުޅަނދު ދުއްވާ މީހާގެ ފުރާނައާއި މަގުމަތީގައި އުޅޭ އެހެން މީހުންގެ ފުރާނައަށް ވެސް ނުރައްކާ ކުރިމަތިކުރުވާ އަމަލެއް ކަމަށެވެ.

ފާރިޒް ކުރިން ވެސް ހަތް ދުވަހަށް ބަންދުކޮށްފައިވާއިރު، މިފަހަރު ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް