ދިވެހި ދެ ފުލުހަކު މަގުމަތީގައި - އާކައިވް ފޮޓޯ: ދުވަސް
ހެކީގެ ގޮތުގައި
ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް
ކުރާ ތުހުމަތަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމުގައި
ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން
ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި
ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤު ކުރާ މައްސަލަތަކާ
ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން،
ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ
އުސޫލުތަކެއް ވަނީ ޤާއިމުކުރެވިފައި ކަމަށާއި މި އުސޫލުތަކުގެ ދަށުން، އެ ތަކެއްޗާއި
އޭގައި ހިމެނޭ މަޢުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރު ކުރެވިފައި
ކަމަށެވެ.
"އެހެންކަމުން ދިވެހި
ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މަޢުލޫމާތު
ލީކުވުމުގެ ފުރުޞަތު ނޯންނާނެ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި
ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް
ހަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ދިވެހި ފުލުހުންގެ
ޚިދުމަތުގެ ތަޙްޤީޤުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ޤާނޫނީ
ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި ފުލުހުންގެ
މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއި ޕްރޮފެޝަނަލް
މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް