ޕްރިންސް ހެރީ --
އިނގިރޭސިވިލާތުގެ ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް ޕްރިންސް ހެރީގެ ދެމަފިރިން އެ ގައުމަށް ދިރިއުޅުން ބަދަލު ކުރިތާ މަހެއް ނުވަނީސް ހެރީ އެމެރިކާއަށް ދަތުރެއް ކުރަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޝާހީ އާއިލާއިން ވަކިވެ ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ މަހު ދެމަފިރިންނާއި ދެ ދަރިން ވަނީ އެނބުރި އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކޮށްފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދިރިއުޅުން ބަދަލުކޮށް ހަމަނުޖެހެވެނީސް ހެރީ އެމެރިކާއަށް ދަތުރެއް ކުރަން ހަމަޖައްސާފައިވާ ކަމަށެވެ. މިއީ ކުރިން ރޭވިފައި އޮތް ދަތުރެއް ކަމަށާއި އޭނާގެ މި ދަތުރަކީ އެމެރިކާގެ ކުރީގެ ރައީސް ބިލްކްލިންޓަން ހިންގަވާ ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރާ ދަތުރެއް ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ މިމަހުގެ 22 - 23 އަށް ނިއުޔޯކް ސިޓީގައި އެވެ. މިދިޔަ އަހަރުވެސް ހެރީއަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައިވެ އެވެ.
މިދަތުރު ކުރަން ހަމަޖެހިފައި މިވަނީ ޕްރިންސް ހެރީ އިނގިރޭސިވިލާތަށް ބަދަލުވުމުން އޭނާގެ ލަގަބާއި ހައިސިއްޔަތުގެ ނަމުގައި އާންމުންނަށް ފެނިދާނެތޯ ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހަފްތާގައިވެސް ރަސްގެފާނު ޗާލްސް ވަނީ ހެރީގެ އާއިލާއަކީ އާންމު ރައްޔިތުން ފަދައިގެން ދިރިއުޅޭނެ އާއިލާއެއް ކަމަށް ބުނެފައި އެވެ.
އޭގެން ދޭހަ ކޮށްދެނީ ޝާހީ އާއިލާގެ ބޭފުޅުންގެ ގޮތުގައި އެ ދެމަފިރިންނަށް ރަސްމިއްޔާތު ތަކާއި ބައްދަލުވުންތަކުގައި ބައިވެރި ނުވެވޭނެ ކަން ކަމަށާއި އާންމުންނާއި ވާހަކަވެސް ނުދެއްކޭނެ ކަމެވެ.
އެގޮތަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުންޏަސް އަދިވެސް ޕްރިންސް ހެރީ ބުނާ ކޮންމެ އެއްޗަކީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ވައިރަލްވާ ވާހަކަތައް ކަމަށްވެ އެވެ. މިފަހުން ބަޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހެރީ ވަނީ ސޯޝަލް މީޑިއާ އަކީ ޒުވާނުންނަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައި އެވެ.
އެ ވާހަކަތަށް ވައިގަ ހިފާ ހެރީއަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް