ޗާލީ ކަރކް އިއްޔެގެ އެ އިވެންޓްގައި -
އެމެރިކާގެ ޒުވާން ސިޔާސީ އެކްޓިވިސްޓް ޗާލީ ކަރކްގެ
ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.
ރާއްޖޭ ގަޑިން ބަލާނަމަ ރޭ ދަންވަރު 01:00 ހާއިރު
އަދި އެމެރިކާގެ ގަޑިން ބަލާނަމަ އިއްޔެ މެންދުރު 12:00 ހާއިރު ޗާލީ އިނީ އޭނާ
އަލަށް އިޢުލާނުކޮށް އިއްޔެ ފެށި "ދަ އެމެރިކަން ކަމްބެކް ޓުއަރ"ގައި ސަޕޯޓަރުންނާ
ވާހަކަ ދެއްކުމަށް ޔޫޓާގެ ޔޫޓާ ވެލީ ޔުނިވާސިޓީގެ ކެމްޕަސް ތެރޭގައެވެ.
އެތައް ހާސް ސަޕޯޓަރުން ތިބި އެ އިވެންޓްގައި އެމެރިކާގައި
ދެވޭ ހަމަލަތަކާއި ގުޅޭގޮތުން ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދޭން ފެށިތަނާހެން
ޗާލީގެ ކަރަށް ވަޒަނެއް އަމާޒުވާ މަންޒަރާއި ކަރުން ހޯސްލާފައި ލޭތައް ފައިބައިގަންނަ
މަންޒަރު ފެނިގެންދެއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިނަމަވެސް
ރާއްޖޭ ގަޑިން ބަލާނަމަ ފަތިހު 04:40 ހާއިރު އެމެރިކާ ގަޑިން ބަލާނަމަ އިއްޔެ އަސުރެއްހާއިރު
އޭނާ މަރުވިކަން އިޢުލާނު ކުރިއެވެ.
ޗާލީ މަރުވިކަން އެންމެ ފުރަތަމަ އިޢުލާނުކުރީ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ. ޗާލީއަކީ ޒުވާނުންގެ ވޯޓު ޓްރަމްޕަށް
ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ޒުވާން ސިޔާސީ އެކްޓިވިސްޓެކެވެ.
2012 ވަނަ އަހަރު "ޓާނިންގ ޕޮއިންޓް
ޔޫއެސްއޭ" ނަމުގައި ޖަމުޢިއްޔާއެއް އުފައްދައި ސިޔާސީ މަސައްކަތްފެށި ޗާލީ
އަކީ ޒުވާނުން މެދުގައި މަގްބޫލު އެކްޓިވިސްޓެކެވެ.
ކޮންމެ ދުވަހަކުހެން "ޗާލީ ކަރކް ޝޯ" ގެ
ނަމުގައި ޕޮޑްކާސްޓެއް ގެނެސްދެމުންދިޔަ ޗާލީގެ ފޮލޯވާ ބޭސްއަށް ބަލައިލާއިރު
ޓިކްޓޮކްގައި 7.3 މިލިޔަން ފޮލޯވާސް، އިންސްޓަގްރާމްގައި 7 މިލިޔަން ފޮލޯވާސް،
އެކްސްގައި 5 މިލިޔަން ފޮލޯވާސް، ޔޫޓިއުބްގައި 4 މިލިޔަން ސަބްސްކްރައިބާސް ތިބެއެވެ.
އިއްޔެގެ ހަމަލައިގާ މަރުވިއިރު ޗާލީގެ އުމުރަކީ 31
އަހަރެވެ.
ޗާލީގެ މަރާއި ގުޅިގެން ތިން މީހަކު ހައްޔަރުކުރި
ނަމަވެސް އެ ތިން މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އަސްލު ގާތިލު އަދި ހައްޔަރުކުރެވިފައިނުވާކަމަށް
ބުނެފައިވެއެވެ.
ޗާލީއަކީ ފަލަސްތީނު މަސްރަހަށް ބަލައިލާއިރު އަބަދުވެސް އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކޮށް އަދި ފަލަސްތީނުގެ ހައްގުގައި ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. ފަލަސްތީނަކީ އޮންނަތަނެއްކަމަށް ޤަބޫލު ނުކުރާކަމަށްވެސް އޭނާ ބުނަމުންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް