މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ތެރޭގައި މިނިވަން ވަކި ޔުނިޓެއްގެ ގޮތުގައި ގާއިމްކޮށްފައިވާ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް، ކަންތައްތަކެއްގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އޭނާ، އެފްއައިޔޫއިން އެހެން ޔުނިޓަކަށް ބަދަލުކުރުމާއި ބެހޭގޮތުން މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކާއި ގުޅިގެން އެމްއެމްއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި އެ ޔުނިޓުގެ ވެރިޔާގެ މަގާމަށް އަޝްރަފް ހަމަޖެއްސެވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އާޒިމާ އެވެ. އޭނާގެ މަގާމަށް ބަދަލު ނާންނަގޮތަށް އެހެން ޔުނިޓަކަށް ބަދަލުކުރަން ނިންމެވީ، މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.
"އެފް.އައި.ޔޫ އަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، މިނިވަންކަމާއެކު، އެޔުނިޓަށް ލިބޭ މަޢުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ޔުނިޓަކަށްވާއިރު، ޝައްކުކުރެވޭ މުޢާމަލާތްކަމަށް ހުށަހެޅިފައިވާ މުޢާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވެއެވެ. ޢަބްދުﷲ އަޝްރަފު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޚާއްޞަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން ޢަބްދުﷲ އަޝްރަފު އިސްވެހުންނަވައި ޢަމަލުކުރައްވާފައިވަނީ، އެފަދަ މަޢުލޫމާތު ލިބުމުން ޢަމަލުކުރަން އޮންނަ ގޮތާ ޚިލާފަށް ކަމަށް ފާހަގަކުރެވިފައިވެއެވެ." އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން 2018 ޖޫންމަހުގެ ތެރޭގައި، ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ގުޅިގެން އެފް.އައި.ޔޫ އިން އެކަން ތަޙްޤީޤީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައިވާކަމާއި އަދި މިކަމުގެ ސަބަބުން ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެނު ކަމަށާއި އެމުޢާމަލާތާ ގުޅޭ ގޮތުން ފިޔަވަޅެއް ނާޅައި ބާއްވާފައި އޮތްކަން އެނގުނީ، ޢަބްދުﷲ އަޝްރަފު ރާއްޖޭގައި ނެތްދުވަސްވަރެއްގައިކަންވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
"ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތް ކޮންމެ އަހަރަކު ހިނގި ގޮތުގެ ރިޕޯޓް ޤާނޫނު ނަންބަރު 2014/10 ވާގޮތުގެ މަތިން ތައްޔާރުކޮށް އެޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފޮނުވަންޖެހޭއިރު، ޢަބްދުﷲ އަޝްރަފު ޔުނިޓުގެ ވެރިޔާގެ މަޤާމާ ޙަވާލުވިއިރު ކުރިއަށް ހިނގައިދިޔަ އަހަރާއި، ޢަބްދުﷲ އަޝްރަފު ޙަވާލުވި ފަހުން ހިނގައި ދިޔަ ދެ އަހަރުގެ އެއްވެސް ރިޕޯޓެއް ތައްޔާރުކޮށްފައެއްނުވެއެވެ. " އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް، އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅޭ ފައިސާގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އެންމެ ފުރަތަމަ އެފް.އައި.ޔޫއަށް ލިބިފައިވަނީ ޢަބްދުﷲ އަޝްރަފު އަތަށް ކަމަށްވުމުން، އެރިފޯޓާ ޙަވާލުވެ ސޮއިކޮށްފައިވަނީ ޢަބްދުﷲ އަޝްރަފް ކަމަށާއި އަދި އެކަމާގުޅޭ ހުރިހާ އެނަލިސިސްތައް ހަދާފައިވަނީވެސް އޭނާ ކަމާއި އެހެންނަމަވެސް އެފްއައިޔޫގެ ކުރީގެ ހެޑް އާތިފު ޝުކޫރު އެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާއި ބެހޭގޮތުން ފިޔަވަޅުއެޅުމުގެ ފުރުސަތު އަބްދުﷲ އަޝްރަފަށް ލިބިވަޑައިގެންނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއްނުވާކަންވެސް އެމްއެމްއޭގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު ނަމްބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައިނުވާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން އަރުވާ ކަމުގައިވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް