ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުން އަދަދު ނޫސް ބޭންކޮށްފި

ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވުމުގެ ހުއްދަ، އަދަދު ނޫހަށާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ރައީސް އޮފީހުން ނިންމައިފިއެވެ. ރައ...

11 May 2026 | 18:08
N/A

N/A

ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވުމުގެ ހުއްދަ، އަދަދު ނޫހަށާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިރޭ މީޑިއާތަކާ ހިއްސާކުރި ބަޔާނެއްގައި ބުނީ، މިއަދު ހެނދުނު 10:00 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާ އިން މިދިޔަ ހޮނިހިރު ދުވަހު ކުރި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރި އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޛާން ޢަމަލުކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ، އަދަދު ނޫހުގެ މީސް މީޑިއާ އެކައުންޓަކުން ދައުރުކޮށްފައި ވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން ދާ ކަމަށާއި، އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަން (އެމްއެމްބީއާރުސީ) އިން ވެސް ބަލަމުންދާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ނިންމުން ނިންމީ ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، 40 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑާއި، 44 ވަނަ މާއްދާ އިން މީޑިއާތަކަށް މަތިކޮށްފައި ވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ 13 ވަނަ މާއްދާ އިން ރައީސް އޮފީހަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބޭންކުރުމުގެ މުއްދަތަކީ ކޯޓުގައި ހިނގަމުންދާ ޖިނާއީ މައްސަލަ އާއި އެމްއެމްބީއާރުސީ އިން ބަލަމުންދާ މައްސަލަ ނިމެންދެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ބޭން މިއަދުން ފެށިގެން ނަފާޛު ވާނެ އެވެ.

ކްރިމިނަލް ކޯޓުން މެއި 10 ވަނަ ދުވަހު ނެރުނު އެ ގޭގް އޯޑަރުގައި ވަނީ ޕީޖީ އޮފީހުން އަދަދު ނޫހުގެ ދެ އެޑިޓަރުންގެ މައްޗަށް ކޮށްފައި ވާ ޤަޛްފުގެ ދަޢުވާ އާ ގުޅިގެން "އައިޝާ" ޑޮކިއުމެންޓަރީ ދައުރު ނުކުރުމަށާއި، އޭގައި ހިމެނޭ ވާހަކަ ސީދާ ނުވަތަ ނުސީދާ ގޮތުން ނުދެއްކުމަށް އަމުރުކޮށްފައެވެ. މި އަމުރާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް