N/A
އިންޑިއާ އަށް 2019 ވަނަ އަހަރުގެ ސްރީ ލަންކާ އީސްޓާ ބޮމުގެ ހަމަލާ ފެންވަރުގެ ބޮޑު ހަމަލާއެއް ދިނުމަށް އައިސިސް (އިސްލާމިކް ސްޓޭޓް) އިން މަސައްކަތް ކުރަމުންދާ ކަމަށާއި، ދެކުނު އިންޑިއާ އަށް ހަނގުރާމަވެރިން ފޮނުވުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަމުން ދަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ގޮފިން ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.
އިންޑިއާގެ ނިއުސް އެޖެންސީ އައިއޭއެންއެސް (އިންޑޯ-އޭޝިއަން ނިއުސް ސާވިސް) އިން ރިޕޯޓުކޮށްފައި ވާ ގޮތުގައި، އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) ގެ އޮފިޝަލަކު ބުނީ، އިންޑިއާ އިން އަމިއްލަ ރައްޔިތުން އައިސިސް އަށް ޖޮއިން ކުރިޔަ ނުދިނުމުގައި ކާމިޔާބު ހޯދިފައި ވުމުން، އައިސިސް އިން މިހާރު ފޮކަސް ކުރަނީ ވަށައިގެންވާ ޤައުމުތަކުން ހަނގުރާމަވެރިން އިންޑިއާ އަށް ވައްދައި ހަމަލާ ދިނުމަށް ކަމަށެވެ. އޮފިޝަލު ބުނީ އައިސިސްގެ ވަކި ގޮފިތައް ޕާކިސްތާނު، ބަންގްލަދޭޝް، ރާއްޖެ އަދި ސްރީ ލަންކާގައި ހަރަކާތްތެރިވާ ކަމަށެވެ.
ރިޕޯޓުގައި ވާ ގޮތުން، އައިސިސް އިން ބަންގްލަދޭޝް ބޭނުންކޮށްގެން ވެސްޓް ބެންގޯލް އާއި ބިހާރަށް ހަނގުރާމަވެރިން ފޮނުވުމަށް ބޮޑު މަސައްކަތެއް ކުރަމުންދާ އިރު، ދެކުނު އިންޑިއާގެ ސްޓޭޓްތަކަށް ފޮނުވުމަށް ބޭނުންކުރަނީ ރާއްޖެ އާއި ސްރީ ލަންކާ އެވެ. ނަމަވެސް ސްރީ ލަންކާގެ އައިސިސް ނެޓްވޯކް 2019 ގެ އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު ބޮޑު ބައެއް ނެތިކޮށްލާފައި ވާތީ، ދެކުނު އިންޑިއާ އަށް އެންމެ ބޮޑު ޕުޝް އެއް ކުރެވެނީ ރާއްޖެ އިން ކަމަށް ރިޕޯޓުގައި އޮފިޝަލާ ހަވާލާދީ ބުނެފައިވެއެވެ.
ޤައުމުން ބޭރުގެ ހަނގުރާމަވެރިން ބޭނުންކުރުމުގެ ދެ ސަބަބެއް ވާ ކަމަށް ވެސް އޮފިޝަލު ބުންޏެވެ. ފުރަތަމަ ކަމަކީ ބޭރު ހަނގުރާމަވެރިންގެ މަޢުލޫމާތު ޖާސޫސީ އިދާރާތަކުގައި މަދުވުމެވެ. ދެވަނަ ކަމަކީ ބޭރު ހަނގުރާމަވެރިންގެ ހައްދުފަހަނައެޅުން އިންޑިއާގެ ހަނގުރާމަވެރިންނާ އަޅައި ބަލާ އިރު މާ ބޮޑުވުމެވެ. އައިސިސް އިން އިންޑިއާގެ ހަނގުރާމަވެރިން ލައްވައި ހަމަލާ ދޭން ކުރިން ވެސް ގިނަ ފަހަރު މަސައްކަތް ކޮށްފައި ފެއިލްވެފައި ވާތީ، ބޭރު ހަނގުރާމަވެރިން ކާމިޔާބު ހަމަލާއެއް ދިނުމަކީ އިންޑިއާގެ ހަނގުރާމަވެރިންނަށް ހިތްވަރަކަށް ވާނެ ކަމަށް އައިސިސް ޤަބޫލުކުރާ ކަމަށް ވެސް އޮފިޝަލު ބުންޏެވެ.
ސްރީ ލަންކާގެ އައިސިސް ނެޓްވޯކް ދެކުނު އިންޑިއާ އާ ގުޅޭ ގޮތް މީގެ ކުރިން ވެސް ފެނިފައިވެއެވެ. 2019 ވަނަ އަހަރުގެ އީސްޓާ ބޮމުގެ ހަމަލާ ދިން ޒަހުރާން ހާޝިމް ދެކުނު އިންޑިއާ އަށް ދަތުރުކޮށް ދިގު މުއްދަތެއް ހޭދަކޮށްފައިވެއެވެ. އެ ދުވަސްވަރު ތަމިލް ނާޑޫ އާއި މެންގަލޫރުގައި ހަމަލާ ދޭން ފަހުން މަސައްކަތް ކުރި ޖާމިޝާ މުބީން އާއި މުޙައްމަދު ޝަރީޤް ރެޑިކަލައިޒް ކުރީ ޒަހުރާން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ދެ ހަމަލާ ވެސް ފެއިލްވިއެވެ.
ބައިނަލްއަޤުވާމީ ތިންކް ޓޭންކް ބްރޫކިންގްސް އިންސްޓިޓިއުޝަނުން ކުރިން ފާހަގަކޮށްފައި ވާ ގޮތުގައި، ސީރިއާ ހަނގުރާމައިގައި ބައިވެރިވި ބޭރު ހަނގުރާމަވެރިންގެ ނިސްބަތް ބޮލަކަށް ޖެހޭ މިންވަރު ބަލާ އިރު ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. 2024 ވަނަ އަހަރުގެ މެއި މަހު އިންޑިއާގެ ގުޖުރާތު އެންޓި-ޓެރާ ސްކޮޑުން ވެސް ވަނީ ސްރީ ލަންކާގެ ހަތަރު ރައްޔިތަކު އައިސިސް އާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް އަހުމަދުއާބާދު އެއާޕޯޓުން ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް