އިންޑިއާ ލޯނުގެ 50 މިލިއަން ޑޮލަރު ދައްކައިފި - 40 ދުވަހުން 974 މިލިއަން ދެއްކިއްޖެ: ރައީސް

ކުރީ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާ އިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

11 May 2026 | 06:54
ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާ އިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން 2019 ގައި ތިން ފަހަރެއްގެ މަތިން އިންޑިއާ އިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނު ނުދައްކައި ރޯލް އޯވާ ކުރަމުން ގޮސް މި ސަރުކާރަށް ވާރުތަވީ ކަމަށެވެ. އެ ލޯނުގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު ދައްކައި ނިންމީ 7 ޖެނުއަރީ 2024 ގައި ކަމަށާއި، މެއި 11 އަށް ދައްކަން ހަމަޖެހިފައި ހުރި 50 މިލިއަން ޑޮލަރު ވެސް މިހާރު ދައްކައި ޚަލާސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާތަނަށް 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ދައްކައި ނިމިއްޖެއެވެ.

ބާކީ 50 މިލިއަން ޑޮލަރު ދައްކަން ޖެހެނީ މި އަހަރުގެ ސެޕްޓެމްބަރު 17 ގައި ކަމަށާއި، އެ ފައިސާ ވެސް ދައްކާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވީ 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕާއި ލޯނުތައް ހިމެނޭ ގޮތަށް ޖުމްލަ 974 މިލިއަން ޑޮލަރު ދައްކައި ޚަލާސް ކޮށްފައިވާ ކަމަށެވެ.

"މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް ރައްޔިތުންގެ ބޮލުގައި އަޅުވާފައި ހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރަމުން ގެންދާނަން" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވައިފައިވާ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ޤައުމާ ބެހޭ ގޮތުން ހަޤީޤަތެއް ނެތް ވާހަކަ ދައްކަމުންދާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، އެ ގޮތަށް ޢަމަލު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް