ލިޔުނީ:ހަނީފް އޮލިވަރ
މިކަން ބަޔާންކޮށްދިނުމަށް ވަރަށް އާދައިގެ މިސާލެއް ގެނެވިދާނެއެވެ. މީހަކަށް ނުފެންނަ ތާނގައި ކޮށްފައި ހުންނަ ބައެއް ކަހަލަ ޖިނާއީ ކުށްތައް ކުރި މީހާ ނުވަތަ މީހުން ހޯދުމަށްޓަކައި ޕްރޮސިކިއުޓަރުން ޑީ.އެން.އޭ، ފައިތިލައިގެ ނިޝާން އަދި އިނގިލީގެ ނިޝާން ފަދަ ހެކިތައް ހުށަހަޅައެވެ. ބިންމަތީގައި ފައިތިލައިގެ ނިޝާންތައް ހުރުމުން އެތަނެއްގައި ކޮންމެވެސް އިރެއްގައި މީހަކު ހިގާފައިވާކަން ޔަޤީންވާ ފަދައިން، މިކާއިނާތުގައި މަޚްލޫގުންތައް ތަރުތީބު ކުރައްވާފައިވާ ގޮތުގައިވާ މާތްﷲ ގެ ހެކިތަކުން ދަލީލުކޮށްދެނީ މިކާއިނާތުގައިވާ ހުރިހާ އެއްޗެއްވެސް ނެތުމުގެ ތެރެއިން އުފެއްދަވާ ޚަލްޤުކުރެއްވީ ޙިކްމަތްވަންތަ ޚާލިޤަކު ކަމެވެ.
ހަމަކަށަވަރުން، މާތް ﷲ ޚަލްޤްކުރައްވާފައިވާ މަޚްލޫޤުންނާއި މެދު ވިސްނައި ފިކުރުކޮށްފިނަމަ، އެހުރިހާ އެއްޗެއްސަކީ އަމިއްލަޔަށް އުފެދިގެން އައި އެއްޗެހި ތަކެއް ނޫންކަން އެނގިގެންދާނެއެވެ. ނިމުމެއްނުވާ ތަނަވަސް ޢިލްމެއް ލިބިވޮޑިގެންވާ އަދި ޚަލްޤުކުރައްވައި އުފެއްދުވެމުގެ ބާރު ލިބިވޮޑިގެންވާ އެއްކައުވަންތަ ފަރާތަކަށް މެނުވީ ކާއިނާތާއި އޭގައިވާ ހުރިހާ އެއްޗެއް އުފައްދަވައި، ހުރިހާ ކަމެއް ހަމަޖައްސަވައި ޤަރާރުކުރައްވައި، އެހާ ފުރިހަމަގޮތުގައި ކަންކަން ހިންގަވާ ރާއްވަވާ ހެއްދެވުމުގެ ބާރެއް ލިބިވޮޑިގެނެއް ނުވާނެއެވެ.
ޚަލްޤުތަކުންނާއި މެދު ނަޒަރުހިންގައި އަދި އެޚަލްޤުތަކުންގެ މެދުގައި ލެއްވިފައިވާ ފުރިހަމަ ނިޒާމްތަކާއިމެދު ވިސްނާ ފިކުރުކުރުމަށް ﷲ ވަނީ މީސްތަކުންނަށް ދަޢުވަތު ދެއްވަވާފައެވެ. އެއީ އެހުރިހާ އެއްޗެއް އުފެއްދެވީ ޙިކްމަތްވަންތަ ހުރިހާކަމެއްގެ ޢިލްމު އެންމެ ފުރިހަމަޔަށް ލިބިވޮޑިގެންވާ އިލާހުކަން މީސްތަކުންނަށް ޔަޤީންވެގެން ދިޔުމަށްޓަކައެވެ. އަދި އެހެންކަމުން އެއިލާހު ފިޔަވައި އަޅުކަންކުރުން ނުވަތަ އަޅުދާސްތުވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަން މީސްތަކުންނަށް ބަޔާންވެ އެނގިގެން ދިޔުމަށްޓަކައެވެ.
" ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވެމުގައްޔާއި، ރޭދުވާ ތަފާތުވުމުގައި ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއް ވެއެވެ." (سورة آل عمران : 190)
މިޒަމާނުގެ ފުންނާބު އުސް ޢިލްމުވެރިޔެއް ކަމުގައިވާ އައްޝައިޚް ޢަބްދުއްރައްޒާޤް އަލްޢައްބާދު ވިދާޅުވެފައިވެއެވެ."ރޭގަނޑާއި ދުވާލާއިމެދު ވިސްނާ ފިކުރުކުރާށެވެ. ފަހެ، އެއީ މާތް ﷲ ގެ އެންމެ އަޖައިބުކުރުވަނިވި ހެކިތަކުގެ ތެރެއިންވާ ހެކިތަކެކެވެ. އަރާމުކުރުމަށާއި އަދި ނިވަލެއްގެ ގޮތުން ރޭގަނޑު ލައްވާފައިވާގޮތް ނިކަން ދެކޭށެވެ. އެ ރޭގަނޑު ދުނިޔޭގެ މައްޗަށް ވެރިވެގަނެއެވެ. އަދި (މީސްތަކުން މަޝްޢޫލްވެގެންއުޅޭ) ހުރިހާ މަސައްކަތްތަކެއް ހުއްޓުވައެވެ. ޖަނަވާރުތައް އޭގެ ހޮރުތަކަށް އަދި ދޫނިސޫފާސޫފިތައް އެއެއްޗެހީގެ ހާލިތަކަށް ރުޖޫޢަވެއެވެ. ހުރިހާ ފުރާނަތަކެއް އެ އެއްޗެއްސަށް ލިބިފައިވާ ވަރުބަލިކަމާއި ބުރަކަން ނެތިދިއުމަށް ދާންދެން އަރާމު ލިބިގަނެ ނިދައެވެ. އަދި އެހުރިހާ އެއްޗެއް އެއެއްޗެހީގެ ދިރިއުޅުމާއިގެން ކުރިޔަށްދިޔުމަށް އުންމީދުކުރެއެވެ. ދެން ދުވާލު ބައިތަކަކަށް ބެއްސެވި އިލާހު ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލު ނެރުއްވައެވެ. އެހިނދު އެއިލާހުގެ ލަޝްކަރު ހެނދުނު އަތުވެއްޖެކަމުގެ އުފާވެރި ޚަބަރު ގެނެސްދެއެވެ. އެ ދުވާލުގެ އަލިކަން ރޭގަނޑުގެ އަނދިރިކަން ނައްތާލައެވެ. އަދި އެ އަނދިރިކަން ފޫއަޅުވާލައެވެ. ދުނިޔެއިން އަނދިރިކަމުގެ ފަރުދާ ހިއްލާލަދެއެވެ. އެއަށްފަހު އެތަނެއްގައި ވަޒަންވެރިވެގެން އުޅޭ ބައެއްގެ ލޯތަކަށް ފެނިގެންދެއެވެ. ދެން އެއަށްފަހު ޖަނަވާރުތައް އެއެއްޗެހީގެ ދިރިއުޅުމުގެ ކަންތައްތަކުގައި މަޝްޢޫލުވެ ބިންމަތީގައި ފެތުރިގަނެއެވެ. އަދި ދޫނީސޫފާސޫފިތައް އެ އެއްޗެހީގެ ހާލިތަކުން އުދުއްސައިގަނެއެވެ. މިއީ ކޮންފަދަ (މަތިވެރި) ރުޖޫޢަވުމަކާއި ނެރުއްވުމެއް ހެއްޔެވެ؟ މިއިން ކަނޑައެޅިގެން ދަލީލުކޮށްދެނީ އެންމެފަހުގެ ބޮޑުވެގެންވާ ރުޖޫޢަ ކުރެއްވުމަށް (ހުރިހާ ޚަލްޤުތަކުން އެއްކުރެއްވުމުގައި) ﷲކުޅަދުންވަންތަ ވޮޑިގެންވާކަމެވެ.
ދެން އުޑާއި ބިމާ ދެމެދުގައި ހައްޔަރު ކުރެވިފައިވާ ރަނގަޅު ވަޔާއި މެދުގައި ފިކުރުކުރާށެވެ. އެ ވަޔަކީ އެވައި ޖެހޭ ހިނދުގައި އިޙްސާސް ކުރެވޭ އެއްޗެކެވެ. އެވައި ޖެހޭހިނދު އޭގައި އެކުލެވިގެންވާ އެއްޗެއް އަހަރެމެންނަށް އިޙްސާސްވެއެވެ. ނަމަވެސް އެއެއްޗެއް އަހަރެމެންނަށް ނުއެއް ފެނެއެވެ. އެވައި އުޑާއި ބިމާއި ދެމެދުގައި ދައުރުކުރެއެވެ.އަދި މަސްމަހާމެހި ފެނުގައި ފަތާފަދައިން ދޫނިސޫފާސޫފި އެވައިގެ ތެރޭގައި އެއްޗެހީގެ ފިޔަތަކުގެ އެހީގައި ފަތައެވެ.ކަނޑުގަދަވާފަދައިން އެވައިވެސް ގަދަވެއެވެ. އަދި ކަނޑުގެ ރާޅުތައް އެއްރާޅު އަނެއް ރާޅާއި ޖެހި ވިއްސައިގެންދާ ފަދައިން ވައިރޯޅިތައްވެސް އެއްވައިރޯޅި އަނެއް ވައިރޯޅިޔާއި ޖެހި ވިއްސައިގެން ދެއެވެ.
ﷲ އެވައިގެ ތެރޭގައި އުޑާއި ބިމާދެމެދުގައި ބީއްސާލާފައިވާ ވިލާތަކެއް ލައްވާފައިވާ ގޮތް ނިކަން ދެކޭށެވެ. އެ ވިލާތައް ޖަމާ ވުމުގެ ސަބަބަކީ ވަޔެވެ. ދެން އެއަށްފަހު ﷲ އެވިލާތައް އެއްތަންކުރައްވައި އެކަތި އަނެކައްޗާއި އެއްކުރައްވައެވެ. އަދި އެވިލާތައް ވައިގެތެރޭގައި، (ވާރެޔަށް) ބޭނުންވެފައިވާ ބިންތަކަށް ފޮނުއްވައެވެ.
ދެން އެވިލާތައް ވައިގެ ތެރޭގައި ދަތުރުކޮށް އެބިމާއި ހަމައަށްގޮސް އެބިމުގެ މައްޗަށް ފެތުރިގަނެއެވެ. ދެން އެއަށްފަހު އެވިލާގަނޑުން ވާރޭ ވެހެއެވެ. ވިލާތައް އެގޮތުގެ މަތީގައި ވާ ޙާލު ﷲ އެ ވިލާތަކުގެ މައްޗަށް ވައި ފޮނުއްވައެވެ.އެވައިރޯޅިތައް ވާރޭ ވެއްސަމުންދާ ވިލާގަނޑުތައް ބައިބައި ކުރުވައި ދުރުކުރުވައެވެ. އެއީ އެވިލާތަކުގައި ހުރި ހުރިހާ ވާރެއެއް އެއްފަހަރާ ވެހުމުގެ ސަބަބުން ބިމަށް ލިބިދާނޭ ގެއްލުމަކުން އެބިން ސަލާމަތް ކުރުމަށްޓަކައެވެ. ފަހެ އެބިމަށް ބޭނުންޖެހިފައިވާ މިންވަރަށް ފެން ލިބުމާއި އެކު ވިލާތައް ބައިބައިވެ އެކި ދިމަދިމާލަށް ދަތުރުކުރެއެވެ. އެހެންކަމުން ވިލާތަކަކީ ބިމަށް ފެންދޭ އެއްޗެކެވެ. އަދި އެވިލާތައް އެއްތަނުން އަނެއްތަނަށް އުފުއްލައިދެނީ ވައެވެ."[1]
ދުވާލުގެ އަލިކަމަކީވެސް މަތިވެރި ޚާލިޤުވަންތަ އިލާހުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއަލީގައި ހިމެނޭ ނުރައްކާތެރި އަލްޓްރާވައިލަޓް އަދި އިންފްރާރެޑް ރޭޑިއޭޝަންތައް ދުނިޔޭގެ ވައިފަށަލައިން ވަރަށް ފުރިހަމަ ގޮތެއްގައި ހިފަހައްޓައި އެފަށަލައިގެ ތެރެއަށް ދަމައިގަނެއެވެ. މިކަމުގެ ސަބަބުން އެފަދަ ރޭޑިއޭޝަންގެ ނުބައި އަސަރުން އިންސާނިއްޔަތަށް ރައްކާތެރިކަން ލިބިގެންދެއެވެ. އެހެންނަމަވެސް އިންސާނުންގެ ދިރިތިބުމަށް ކޮންމެހެން ބޭނުންވާ އިރުގެ އަލި އެވައި ފަށަލައިގެ ތެރެއިން އެއްވެސް ހިފެހެއްޓުމެއްނެތި އިންސާނުންނަށް ލިބެއެވެ. މިއީ އެކްސިޑެއްޓެއް ހެއްޔެވެ؟
އިރު މިހާރު އެހުރި ދުރުމިނަށްވުރެ ތަންކޮޅެއް ދުނިޔެއާއި ކައިރިވިނަމަވެސް އެއިރުގެ ހޫނު ކަމާއި ރޭޑިއޭޝަންގެ ސަބަބުން އަހަރެމެން އެންމެން ހަލާކުވެ ނެތިވެގެން ހިގައިދާނެއެވެ. ހަމަ އެފަދައިން އިރު މިހާރު އެހުރި ދުރުމިނަށްވުރެ ތަންކޮޅެއް ދުރުވިނަމަވެސް ދުނިޔެއިން ހުރިހާ ދިރުމެއް ނެތިގެން ދިޔައީހެވެ. މިއީ ޙައިރާންކުރުވަނިވި ފުރިހަމަ ނިޒާމެކެވެ.މި ނިޒާމުގެ ފުރިހަމަކަން ކޮންމެ ކަމެއްގައިވެސް ހިމެނިގެންވެއެވެ. މި ނިޒާމުގެ ވަށައިގެންވާ ޤަވާޢިދު ތަކާއި ޤާނޫނުތަކަކީ ކާއިނާތުގެ ހުރިހާ ހިސާބެއްގައި ހުރިހާ ތަނެއްގައިވެސް ފުރިހަމަޔަށް ތަންފީޒު ކުރެވޭ ޤާނޫނުތަކަކާއި ޤަވާޢިދު ތަކެކެވެ.މިނިޒާމު މިގޮތުގެ މަތިން ޤާއިމް ވެގެން އައިސްފައިވަނީ ޠަބީޢީ (އަމިއްލަ) އެއްކުރުމަކުން ކަމުގައި ވެދާނެހެއްޔެވެ؟
'ޗާންސް' އަށް އީމާންވާ މީހުންވެސް ޤަބޫލުކުރާ ގޮތުގައި ޗާންސަކީ އޭގެ ޠަބީޢަތުގައި އެއްވެސް ތަރުތީބެއް އެއަށް ވާއެއްޗެއް ނޫނެވެ. މިކަން ރަނގަޅަށް ވިސްނިއްޖެނަމަ އަންނަނިވި ސުވާލު ކުރަންޖެހެއެވެ. އޭގެ ޠަބީޢަތުގައި އެއްވެސް ތަރުތީބެއް ނުވާ އެއްޗަކަށް އެއްވެސް އުނދަގުލެއްނެތި ތަރުތީބެއް އުފެއްދޭނީ ކިހިނެއްހެއްޔެވެ؟ މިއީ ސައިންސްގައި ކުރެވޭނޭ ކަމެއްނޫނެވެ. އެހެންކަމުން މި މުހިންމު ނިންމުން ނިމިގެން ދަނީ އަހަރެމެންގެ މިކާއިނާތް އުފައްދަވާ ޚަލްޤު ކުރެއްވި އިލާހެއް ވާކަމަކަށް އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ! އެއިލާހަކީ އަހަރެމެން އެކަންތައްތަކާއި މެދު ޢަޖައިބުވެ އަންތަރީސްވާ މިކާއިނާތުގެ އެކި އެކި ކަންތައްތައް ރާވައި ހިންގަވާ އިލާހު ކަމަށްވެސް މެއެވެ.
[1] އައް-ޝައިޚް ޢަބްދުއްރައްޒާޤް އާލް-ޢައްބާދު.، "އަސްބާބު ޒިޔާދަތުލް އީމާން ވަ ނުޤްޞާނިހީ"، ޣިރާސް ލިންނަޝްރި ވައް ތަޥްޒީޢު. ސ.40-41
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް