ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުން އަދި ވަކި ގޮތަކަށް ނިންމާފައިނުވާނެ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކުމާއިމެދު އެކި ނޫސްތަކުގައި ހަބަރު އާންމުކޮށްފައިވާއިރު، ހުޅުމާލެއިން ބިން ވިއްކުމާއިމެދު މި ކޯޕަރޭޝަންގެ ބޯޑުން ވަކި ގޮތަކަށް ނިންމާފައިނުވާނެކަމުގައި އާންމުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ" އެޗްޑީސީގެ ނޫސްބަޔާނުގައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުންދާ ރަށެއް ކަމުގައިވާއިރު، މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ހާއްސަ ކުރެވިގެން ކަމަށެވެ.
"މިގޮތުން ރެސިޑެންޝަލް، ކޮމަރޝަލް، އިންޑަސްޓްރިއަލް، އަދި ކޮމިއުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަދެވިފައިވެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެންމެ ބޮޑު ހިއްސާއެއް ހާއްސަ ކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއިއެކު އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސޯޝަލް އަދި އެފޯޑަބަބަލް ހައުސިން ފޯރުކޮށްދީނުމަށް ތައާރަފް ކުރެވޭ މަޝްރޫއުތަކަށް ކަމުގައިވެސް ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާފަދައިން، ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައ ހުޅުމާލެއިން ގޯތިލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް މި އަހަރު ހުޅުމާލއިން ގޯތި ދޫކުރެވޭނެ ކަމަށާއި މިގޮތުން މި އަހަރުގެ ތެރޭގައި ހައްގުވެރި ފަރާތްތަކަށް ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޯޕަރޭޝަނުނ ކުރަމުންދާކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް