މުޅިދުވަހު އޮފީހުގައި. މިއީ ދިރިއުޅުންބާ!

ކުރިއާ އަޅާ ބަލާއިރު އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުން މިވަނީ ވަރަށް ބޮޑުތަން ބަދަލުވެފައެވެ. އެޒަމާނުގައި ކޮންމެ ދުވަހަކު މައިދައިތަގެއަށާއި މައިންބަފައިން ގެއަށްދާނަމަ މިހާރު ހަފްތާއަކު އެއްފަހަރު...

10 Dec 2019 | 00:54

ކުރިއާ އަޅާ ބަލާއިރު އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުން މިވަނީ ވަރަށް ބޮޑުތަން ބަދަލުވެފައެވެ. އެޒަމާނުގައި ކޮންމެ ދުވަހަކު މައިދައިތަގެއަށާއި މައިންބަފައިން ގެއަށްދާނަމަ މިހާރު ހަފްތާއަކު އެއްފަހަރު ދެވުނަސް އެއީ ނަސީބެވެ. ރަޙުމަތްތެރިންނާއި ދުވާލަކު ދެދަޅައަށް ބައްދަލުކުރާނަމަ މިހާރުގެ ހާލަކީ ދެރަޙުމަތްތެރިން ބައްދަލުވެސް ނުވެވި އެކަކު އަނެކަކަށް ގަޑިކިޔައި އުޅެނިކޮށް މީހުނާ އިނދެ ދަރިން ހޯދާހިސާބަށް ދިއުމެވެ. މިފަދަ ހާލަތަކަށް އަޅުގަނޑުމެން މިދިޔައީ ކީއްވެ ތޯއެވެ؟ "ބިޒީ" ކަމުންނެވެ. ހޭބޯނާރާ މަސައްކަތުގަޔާއި ކޮލެޖުގައާއި އަދި މިނޫންވެސް ކަންކަމުގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.

ގިނަ ދިވެހިން މިހާ ބިޒީވާ އެއްސަބަބަކަށް ވެފައި އޮންނަނީ އޮފީހުގައި އިތުރު ގަޑީގައި މަސައްކަތްކުރުމެވެ. ނުވަތަ ކުރަން ޖެހުމެވެ. ރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައި ވާގޮތުން މުވައްޒަފަކު ލައްވާ ދުވާލަކު މަސައްކަތް ކުރުވޭނީ ހަފްތާއަކު 48 ގަޑިއިރެވެ. 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވޭނީ އެމުވައްޒަފު އެގޮތާއިމެދު ރުހޭނަމައެވެ. މާނައަކީ ދުވާލަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރުމަކަށް މުވައްޒަފަށް މަޖުބޫރުނުކުރެވޭނެއެވެ. ނަމަވެސް ހާލަތަކީތޯއެވެ؟

ރާއްޖޭގައި ގިނަ ޕްރައިވެޓް ތަންތަނުގައި ވަޒީފާގެ ވަގުތަކީ ދުވާލަކު 08ގަޑިއިރުކަމުގައި ވާއިރު ގިނަ އޮފީސްތަކުގައި 10 ގަޑިއިރު 12 ގަޑިއިރުވާއިރުވެސް މުވައްޒަފު ހުންނަން ޖެހެނީ އޮފީސް މަސައްކަތްތައް ކުރުމުގައެވެ. ނުވަތަ ކޮންމެހެން ހުންނަން މަޖުބޫރުނުކުރިނަމަވެސް ބައެއް މުވައްޒަފުން ހިތުން ރުހުމުން 12 ގަޑިއިރު 13 ގަޑިއިރު އޮފީސް މަސައްކަތުގައި އުޅެއެވެ. ސަރުކާރު ގިނަ ވަޒީފާތަކުގައި ދުވާލަކު 06ގަޑިއިރު ވަޒީފާއަދާކުރަން ޖެހޭ އިރުވެސް މުވައްޒަފުންގެ ހާލަތަކީ މިއީއެވެ. 14:00ގައި ނިމިގެން ގެއަށްދާން ނިކުންނަނަމަ ދެން ތިބޭ މީހުން ފުސްމޫނު ހަދާތީވެސް ނިކުންނަން ނުކެރި އިތުރު ވަގުތު މަސައްކަތުގައި އުޅެނީ މަދުބައެއް ނޫނެވެ.

ނަމަވެސް ވިސްނައިލަން ޖެހެނީ އެންމެންނަކީ ހުސްހަށިބައިކޮށް ތިބޭ މީހުންނޫންކަމެވެ. އެންމެންނަކީ "ޑޭކެއަރ"އަކަށް އެމީހުންގެ ދަރިން ލެވޭ ފެންވަރުގެ ބައެއް ނޫންކަމެވެ. އެންމެންގެ މަންމަ ނުވަތަ މައިދައާއި ދަރިން ހަވާލުކުރެވެން ނެތްކަމެވެ. އަދި އެންމެންނަކީ ހަމައެކަނި ވަޒީފާއަށްޓަކައި އުޅެވޭނެ ބައެއްނޫންކަމެވެ. ވީމާ ގަޑިޖެހުމުން އޮފީހުން އަވަހަށް ނިކުމެގެން އެދާ މުވައްޒަފާއި މެދު ފުސްމޫނު ނުހަދާށެވެ. އޭނާގެ ޙާލަތެއް ތިބާއަކަށް ނޭންގޭނެއެވެ. އޭނާގެ ދިރިއުޅުން އާރާސްތުކުރަން އޭނާ ކުރާ މަސައްކަތަކީ ކިހާ ބުރަ މަސައްކަތެއްކަމެއް ތިބާއަކަށް ނޭންގޭނެއެވެ.

އިތުރުގަޑީގައި މަސައްކަތްކުރުން ނުވަތަ " އޮވަރޓައިމް ޖެއްސުން" އާންމުވެފައި މިވަނީ ގިނަ އޮފީސްތަކުގެ ވެރިން އެކަމަށް މުވައްޒަފުންނަށް ބާރުއަޅާތީއެވެ. އަނެއްކޮޅުން ލިބޭ އިތުރު ފައިސާކޮޅަކީ ކުއްޔާއި ބިލްތައް ދައްކާފައި އަނބިދަރިންނަށް ނުވަތަ ތިމާއަށް އިތުރު ހަރަދުކޮށްލަން ލިބޭނެ އެއްޗަކަށް ވާނެތީއެވެ. ނަމަވެސް ކޮންމެ ދުވަހަކު 08:00ގައި އޮފީހަށް ގޮސް އިރު އޮއްސި 06:00ގައި ނުވަތަ ރޭގަނޑު 08:00ގައި ގެއަށް އަންނަ އިރު ތިމާ ހުންނަނީ ގުނބުހިލިފައެވެ. ނިދިއައިސްފައެވެ. " އަހަރެން ގެއަށްގޮސް ބޭނުމީ ހަމަ ފަތިސް ވަންދެން ނިދާލަން." އޮފީހުގައި ހުރެފައިވެސް ބުނެވޭ އެއްޗަކީ މިއީއެވެ. ގެއަށް އަންނަ އިރު ވެފައި ހުންނަ ވަރުބަލިން ރަޙުމަތްތެރިންނާއި ބައްދަލުކޮށްލަން ނިކުންނާނެހާ ހިތްވަރެއް ގިނަފަހަރު ނުހުރެއެވެ. ދަރިންނާއި އަނބިމީހާއަށް ސަމާލުކަމެއް ދޭނެހާ ހަކަތައެއް ނުހުރެއެވެ. ދެން ކައިގެން ނިދާފައި އަނެއްކާވެސް ދަނީ އޮފީހަށެވެ. މިއީ ދިރިއުޅުންތޯއެވެ؟

އޮފީސް ބަންދުކުރަންދެން އިތުރުގަޑީގައި މަސައްކަތްކޮށްގެން އިތުރު ފައިސާކޮޅެއް ހޯދުމުގެ ބަދަލުގައި މެދުމިނަކަށް އިތުރުގަޑީގައި މަސައްކަތްކޮށްފައި ގެއަށްދާށެވެ. ނުވަތަ ރަޙުމަތްތެރިންނާއެކުދާށެވެ. އޭރުން ތިމާގެ އަމިއްލަ ނަފްސަށްޓަކައި ތިކޮށްދެވެނީ ވަރަށްބޮޑު ފައިދާހުރިކަމެކެވެ. ވެރިންނޭވެ. ހެޔޮޙާލުގައި ހުރި އުފާވެރި މަސައްކަތްތައް އެންމެ ބަރާބަރަށް ކުރާނެ މުވައްޒަފުންތަކެއް ބޭނުންވާނަ އިތުރުގަޑީގައި މަސައްކަތްކުރުމަށް ބާރުނާޅައި މުވައްޒަފުން ދޫކޮށްލާށެވެ. އޭރުން "ސިކްލީވް"ތައް މަދުވާނެއެވެ. މަސައްކަތުގައި ހުންނަގަޑީގައިވެސް ދެލޯމެރިދާނެހެން ހީވާހާވެފައި މުވައްޒަފުން އޭރުން ނުހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ގެއަށްގޮސް ހަށިގަނޑަށް އަރާމުބޭނުންވާނެހެން ސިކުނޑިއަށްވެސް އަރާމު ބޭނުންވާނެއެވެ. ސްޓްރެސްވެ ޑިޕްރެސްވުމުން މުވައްޒަފުން ސަލާމަތްކޮށްދޭށެވެ. ތިމާ އަމިއްލައަށްވެސް އެކަމުން ސަލާމަތްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް