ސަރުކާރު ކުރިމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަ ހަމަ: ރައީސް ޞާލިޙް

މި ސަރުކާރުން ހަމަ އެންމެ ރަށެއްވެސް ބާކީ ނުކުރާނެކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ...

10 Dec 2018 | 11:16

މި ސަރުކާރުން ހަމަ އެންމެ ރަށެއްވެސް ބާކީ ނުކުރާނެކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އަރިއަތޮޅު އުތުރުބުރީ ފެރިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާކަމަށާއި، ރައްޔިތުންނަށް އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުން އެއީ އެންމެ މުހިއްމު އެއް އަމާޒުކަމުގައެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއިއެކު، މި ރަށުގެ ހީވާގި މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން. ހަމައެފަދައިން މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވާތީ، މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާލަންޖެހޭކަމަށެވެ. އެފަދަ ދުވަސްތަކަކަށް މި ރާއްޖެ އަނބުރާ ނުދާނެ ފަދަ ގޮތަކަށް ދައުލަތުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކިތަންމެ ކުޑަ ރަށަކަށް ވިޔަސް، އެ ރަށެއްގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ލިބިދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒު. ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ޙަވާލުކުރި އެ ޒިންމާ، މާތް ﷲގެ ވާގިފުޅާއެކު، ފުރިހަމަ ގޮތުގައި އަދާކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ. ރައްޔިތުން މި ސަރުކާރު އުފެއްދީ އެ ޒިންމާއާ އެކު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރަން ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދު ފެރިދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ބައެއް މުޢައްސަސާތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް