ދިވެހިރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، ބައެއް ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ނަންތައް ކޮމިޓީއަށް ފޮނުވާފައިވާއިރު އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، އެމެރިކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ ތިލްމީޒާ ހުސައިންގެ ނަމެވެ. ބްރަސަލްސްގެ ސަފީރަކަށް ފޮނުވާފައިވަނީ ގ. ފިޔާތޮށިގޭ، ހަސަން ސޯބިރުގެ ނަމެވެ. އިންޑިއާގެ ސަފީރަކަށް ހ. ދޫރިހާ، އާއިޝަތު މުހައްމަދު ދީދީ ގެ ނަން ފޮނުވާފައިވާއިރު ލަންކާގެ ސަފީރަކަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގް އައްޔަން ކުރުމަށް ވަނީ މަޖިލީހަށް ފޮނުވާފައެވެ.
މީގެ އިތުރުން އިތުރުން ސިންގަޕޫރުގެ ސަފީރަކަށް ދަފްތަރު ނަންބަރު 4336، ޑރ. އަބްދުﷲ މައުސޫމް އާއި ޖަރުމަނު ސަފީރަކަށް ހ. ސީވީޑް، އަހުމަދު ލަތީފް އަދި އިނގިރޭސި ވިލާތުގެ ސަފީރަކަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒް ފައިސަލްގެ އިތުރުން ލޭޝިއާގެ ސަފީރަކަށް ހ. އާޒާދެވާދީ، ވިސާމް އަލީ އައްޔަން ކުރުމަށް ވެސް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.
މި ނަންތައް ކޮމިޓީއަށް ފޮނުވާފައިވާއިރު ކޮމިޓީ މަރުހަލާގައި ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅާނެއެވެ. އެއަށްފަހު އެ ބޭބޭފުޅުންނަށް ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި ވަކި ވަކިން ވޯޓަށް އަހައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް