ގަޑި އެލާމް ވާން ފެށުމުން ތެދުވެ އަވަށް އަވަހަށް ފެންވަރާލައިގެން ނިކުންނައިރު ހުންނަނީ އޮފީހުގެ ގަޑިޖެހެން އެންމެ 15 މިނެޓަށް ވެފައެވެ. ތެޅި ފޮޅިގަނެގެން ނިކުމެ ކަންމަތީ ފިހާރައިން ބިސްކޯދު ޕެކެޓަކާއި މައިލޯ ޕެކެޓެއް އަރުތެރެއަށް އަޅައިލަނީ އޮފީހަށް ދާ މަގުމަތީގައެވެ. ހިނގަމުންނެވެ. ނޫން ނަމަ ދުވަމުންނެވެ. ކޮޅަށް ހުރެއެވެ.
ނަމަވެސް އެއީ އަދި ރަނގަޅު ގޮތެއް ނޫން ކަމަށް ކަމާއިބެހޭ މާހިރުން އެބަ ބުނެތެވެ. އެ ފަރާތްތަކުން ބުނަނީ ކާ އެއްޗަކަށް އިންސާފު ކުރަން ވާނީ އިށީނދެ އިނދެ ކަމަށެވެ. އަދި ބޮޑަށް ރަނގަޅީ ބިންމަތީގައި އިށީނދެ އިނުން ކަމަށެވެ.
އިށީނދެ އިނދެ ކެއުން ރަނގަޅުވަނީ ހަމަ އެކަނި އެއީ މުސްކުޅި އާދަކާދައަކަށް ވީމައެއް ނޫނެވެ. އިށީނދެ އިނދެ ކާނަމަ އެއީ ކަސްރަތަކަށް ވެއެވެ. ކާ އެއްޗެއް ނަގަން ބުރަކަށި ދަމާލާ ކޮންމެ ވަގުތަކީ ހަށިގަނޑަށް ފައިދާ ލިބޭ ވަގުތެކެވެ. މީގެ އިތުރުން އަވަސް އަވަހަށް ކޮޅަށް ހުރެ ކާނަމަ އެ ތަކެތި ހަޖަމު ވުމަށް އެތަށް އިރެއް ނަގައެވެ. އެއީ ސިއްހަތަށް ނުރައްކާ ކުރާނެ ކަމެކެވެ.
މީގެ އިތުރުން ކޮޅަށް ހުރެ ކާނަމަ ނުވަތަ މަގުމަތީގައި ކާނަމަ ލިބޭ އެހެން ގެއްލުމެއްވެސް އެބައޮތެވެ. އެއީ ޑިޕްރެސް ވުމެވެ. އާއިލާއާއެކު ވަގުތު އޮވެގެން ކާމޭޒު ކައިރީގައި އިނދެ ހެނދުނުގެ ނާސްތާ ނަގާނަމަ އާއިލާގެ ތެރޭގައި ދޭދޭ ގުޅުން ރަނގަޅު ކޮށްދެއެވެ. އަވަސް އަރުވާލައިގެން މަގުމަތީގައި ކާނަމަ އެކަނިވެރިކަން އިހުސާސް ކުރެވެއެވެ. އަދި އަވަސް އަވަހަށް ކެއުމުން ލޭ ދައުރުވުން ލަސްވެއެވެ. ބަދަލުގައި ހަމަޖެހިގެން ކާނަމަ ލޭ ދައުރުވުމުގެ ސްޕީޑް ރަނގަޅުކޮށްދެއެވެ.
މިއީ ކުޑަ ކަމެއް ނަމަވެސް ވިސްނާލުން ރަނގަޅު ކަމެކެވެ. ވަޒީފާއަށްވުރެ މުހިންމީ ދުޅަހެޔޮ ސިއްހަތެކެވެ. ދުޅަހެޔޮ ސިއްހަތެއް ނެތި ވަޒީފާއެއް ނޯންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް