ތެދެކެވެ. ރައީސް އަބްދުﷲ ޔާމީން ސަރުކާރު ހިންގެވީ ޗައިނާގެ އުނގުތެރޭގައި އޮވެގެންނެވެ. ބުނިހާ ކަމެއް ކޮށްދީ ބުނި ގޮތަކަށް އެއްބަސްވެގެންނެވެ. ޗައިނާއިން ބޭނުން އިންޓްރެސްޓެއްގައި ލޯންތައް ނެގި އެވެ. ޕްރޮޖެކްޓްތައް ބުނިގޮތަކަށް ދިނެވެ. ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ނާޒުކު އިގްތިސާދުގައި ސީނުކަރައިން ރަސްކަން ކުރި ދުވަސްވަރެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކަށް ބަލާއިރު ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏާއި ގެރެންޓީ އެވެ.
އެ ހިސާބުތަކަށް ބަލާއިރު ރާއްޖެ، ޗައިނާގެ މުށުތެރޭގައި އޮތް މިންވަރު ސާފެވެ. އެއީ އިގްތިސާދީ އަޅުވެތިވުމެވެ.
އެއީ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް އެކަމުން ސަލާމަތްވާން ކަމަށް ބުނެ ހަމަ އެގޮތަށް އަމަލު ކުރުން އެއީ އަދި މާ ދެކޮޅު ނުޖެހޭ ސިޔާސަތެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައީ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރާނެ ކަމުގެ ވައުދާއެކު އެވެ. އެއީ މިދިޔަ ސަރުކާރުން ގުޅުން ގޯސްވެފައިވާ އިންޑިއާ އާ ގާތްގުޅުމެއް ބާއްވާނެ ކަމަށް ބުނަމުންނެވެ.
ބަހުސެއް ކުރާނެ ކަމެއް ނެތެވެ. ރާއްޖެއަށް އެންމެ މުހިންމު އެއް ގައުމަކީ އަވައްޓެރި އިންޑިއާ އެވެ. އިންޑިއާގެ އެހީތެރިކަން ބޭނުންވެ އެވެ. ޒަމާނުންސުރެ އެކަން ލިބެމުންވެސް އެބަދެ އެވެ. ބޭސްފަރުވާ އާއި ތައުލީމާއި އެފަދަ އެތައް ދާއިރާއަކުން ދިވެހިން ތަމްރީނުވެ ހިދުމަތް ހޯދަނީ އެގައުމުންނެވެ. އެ ސަބަބުތަކާ ހުރެ ޒަމާނުންސުރެ ދިވެހިންގެ އުސޫލަކީ "އިންޑިއާ ފަސްޓް ޕޮލިސީ" އެވެ. ނަމަވެސް އެއީ އިންޑިއާގެ އަޅުވެތި ކަމަށް ދިއުން ކަމަށް ވެގެން ނުވާނެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ރައީސް ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަކީ އިޝާރާތެކެވެ. ދެން ފެނިގެން ދިޔައީ އިންޑިއާއިން ބޭނުންވާހާ ކަމެއް ކުރަން ފެށިތަނެވެ. "މޮހޮނަށް އޮޑިދޭ" އުސޫލުން ރާއްޖެއަށް އެގައުމުން ދީފައިވާ ހެލިކޮޕްޓަރު ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރީ އެވެ. ސަރުކާރުން ނިންމީ އެ ދެ ހެލިކޮޕްޓަރު ބޭއްވުމަށެވެ. އެމީހުން އެ ގޮތަށް އެތިބީ ރާއްޖޭން ދިއުމަށް ކުރީ ސަރުކާރުން އަންގާފައިވަނިކޮށް ގަދަ ހަދައިގެންނެވެ. ނަމަވެސް ރާއްޖެއަށް އެޅުނު ފިޔަވަޅެއް ނެތެވެ.
ރައީސް ސޯލިހްގެ އެކުވެރިޔާ އަދި ކުރީގެ ރައީސް ނަޝީދު ފާޅުގައި އެގެންދަވަނީ އިންޑިއާގެ ދިފާއުގައި އަދި އެގައުމުގެ މަސްލަހަތުގައި ވާހަކަ ދައްކަވަމުންނެވެ. އައްޑޫ ސިޓީ އާއި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައިވާ ކަމަށް ދެއްކެވި ވާހަކަ ހެއްކަކަށް ފުދެ އެވެ. އައްޑޫގައި އިންޑިއާ ސަރުކާރުން ހަދައިދޭ ކަމަށް ބުނާ ޕޮލިސް ޓްރޭނިން ސެންޓަރަކީ އެގައުމުގެ މިލްޓްރީ ބޭސްއެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭންގެ އެވެ.
ދެން އޮތީ އެ ކަންތައްތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖޯކްކަކަށް ހެދުމެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ދުއްވާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ދިވެހިންނަށް ކައިރި ނުވެވޭއިރު އެއީ ޖާސޫސީ ވަސީލަތެކޭ ބުނެވެ އެވެ. އެކަމަށް ޑިފެންސް މިނިސްޓަރު ޖެއްސެވީ ޖޯކެވެ.
ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖައްސައިފި ނަމަ، އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ މާލީ އެހީ ދޭން ހުށައެޅި ކަމަށް، ޖަޕާންގެ ބޮޑު ނޫހަކުން ބުނެ އެވެ. ދިވެހި ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް އެކަމުގެ ފަހަތުގައި ކޮންމެވެސް ކަމެއްވެ އެވެ.
މާރިޔާ ވިދާޅުވީ އެއީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަވައްޓެރި ގައުމަކަށް ވާއިރު އިންޑިއާ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބެން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިންޑިއާއަކީ އަސްކަރީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ވުމެވެ.
"އެހެންވީމަ އެ މީހުން މި ތަނަށް އައިސް މިތާ [އަސްކަރީ މަރުކަޒެއް] އަޅައިގެން އަޅުގަނޑަކަށް ނުފެނޭ އެއްވެސް ސަބަބެއް އެ މީހުންގެ އޮތް ކަމަކަށް. އެ މީހުން ރަށުގައި ތިބެގެން އެ ހުންނަ މަރުކަޒުތަކުން މިތަން ކަވާ ކުރެވޭ ވަރަށް ކައިރީގައި އޮންނަ ބައެއް އަޅުގަނޑުމެންނަކީ."
"ހއ. ތުރާކުނުން އައްޑު އަށް ދާން މާ ގިނައިރު ނަގާނެ އިންޑިއާ އިން އަޅުގަނޑުމެން މާލެ އައުމަށްވުރެ. އެހެންވީމާ އެ ކަހަލަ ވާހަކައަކީ ކޮންމެވެސް ސިޔާސީ ބޭނުމެއްގައި ބަޔަކު ބޭރަށް ނެރޭ ވާހަކައެއް."
ޑިފެންސް މިނިސްޓަރަށް ނޭންގުނު ކަމީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ޖާސޫސް ކުރުމަށާއި ހަންފެތުރުމަށް އެކި ފެންވަރުގައި އެކި ކަންކަން ކުރާކަމެވެ. އެކަން ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް އެހެން ގައުމުތަކަށް މީހުން ފޮނުވަ އެވެ. އެއީ ޖޯކެއް ނޫނެވެ.
މިހާރު ވެސް މިފެންނަނީ ހަމަ ކުރިން ފެނުނު މަންޒަރެވެ. ޗައިނާ ކިބައިން ސަލާމަތްވުމަށް އިންޑިއާ އުގަށް ދިޔަ މަންޒަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް