އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާއަށް ނިސްބަތްވާ ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން މިރޭ ޑާބީ މެޗަށް ނުކުންނައިރު، ޔުނައިޓެޑުން ފުރަތަމަ ކުޅެން ނެރޭ 11 ކުޅުންތެރިންގެ ތެރޭގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ރަޝްފޯޑާއި މާޝިއަލް ހިމަނައިފިއެވެ.
ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން މޮރީނިއޯ މި ދެ ކުޅުންތެރިންނަށް އާންމުކޮށް ފުރުސަތު ނުދެއެވެ. އަދި ޚާއްސަކޮށް ދެ ކުޅުންތެރިންނަށް އެއްކޮށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭއިރު، ޑާބީ މެޗުގެ ލައިންއަޕްގައި މާޝިއަލް އާއި ރަޝްފޯޑް ހިމަނަން ނިންމުމުން މިރޭގައި ޔުނައިޓެޑުން އެޓޭކިން ގޭމަކަށް ވިސްނާފައިވާކަމަށް ބެލެވެއެވެ. މި ސީޒަނުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް މޮރީނިއޯގެ މެންޗެސްޓާ ޔުނައިޑެޓުން އާންމުކޮށް ކުޅެނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.
މިރޭގެ މެޗުގައި ރަޝްފޯޑާއި މާޝިއަލް ކުޅޭނެ ކަމަށް ބެލެވެނީ ސެންޓަ ފޯވާޑަކަށް ކުޅޭ ރޮމެލޫ ލޫކާކޫގެ ދެ އަރިމަތިން އެޓޭކަށެވެ. މޮރީނިއޯ ބޮޑެތި ޓީމުތަކާ ދެކޮޅަށް އާންމުކޮށް ބޭނުން ކުރާ ގޮތަށް މިރޭގައިވެސް ކުޅޭނީ ހަތަރު ޑިފެންޑަރުން ލައިގެންނެވެ. އެއީ ވެލެންސިއާ، ސްމޯލިން، މާކޯސް ރޯހޯ އަދި ޔަންގް އެވެ.
އަނިޔާގެ ސަބަބުން ފެލައިނީއަށް ނުކުޅެވޭއިރު، މުހިންމު މިޑްފީލްޑަރ ޕޮގްބާ ހުރީ ސަސްޕެންޝަނުގައެވެ. އެހެންކަމުން މޮރީނިއޯ މިރޭގެ މެޗަށް ނެރޭނެ މިޑްފީލްޑަރުންނަކީ މަޓިޗް، ހެރޭރާ އަދި ލިންގާޑެވެ. ޔުނައިޓެޑްގެ ގޯލުން ފެންނާނީ މި ސީޒަނުގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑޭވިޑް ޑެ ހެއާ އެވެ.
ޑާބީ މެޗަށް މެންޗެސްޓާ ސިޓީން ނުކުންނައިރު އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުރަތަމަ އެގާރައިން ނުފެންނާނެއެވެ. އޭނާގެ ބަދަލުގައި އެންމެ ކުރިއަށް ކުޅޭނީ ޖެބްރިއެލް ޖީސަސް އެވެ. ޖީސަސްގެ ދެ އަރިމަތިން ކުރިއަށް ކުޅޭނީ ސްޓާލިންގ އާއި ސާނޭއެވެ.
އަނިޔާއިން ސަލާމަތްވެފައިވާ ޑޭވިޑް ސިލްވާ ވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައެވެ. ދެން މެދުތެރެއަށް ކުޅޭނީ ފެނާންޑީނިއޯ އާއި ކެވިން ޑި ބްރޭނާ އެވެ.
ސިޓީގެ ލައިންއަޕަށް ގާޑިއޯލާ ނަގާފައިވާ ޑިފެންޑަރުންނަކީ ވޯލްކާ، އޮޓަމެންޑީ، ކޮމްޕެނީ އަދި ޑެލްފެވެ. ގޯލުން ފެންނާނީ އެޑާސަން އެވެ.
ވަރަށް ބޮޑަށް ފޯރިގަދަ ވާނެކަމަށް ބެލެވޭ މެންޗެސްޓާ ޑާބީ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ. މެޗު ކުޅޭނީ ޔުނައިޓެޑްގެ އޯލްޑް ޓްރޮފޯޑް ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް