ފްރާންސްގެ ފޯވާޑް އޮލިވިއާ ޖިރޫ ފަހު ވަގުތު ކާމިޔާބު ކޮށްދިން ލަނޑާއެކު އާސެނަލް ސައުތުހެމްޓަން އަތުން ބަލިނުވެ ސަލާމަތް ވެއްޖެއެވެ.
ޕްރިމިއާ ލީގުގައި މިރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 3 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޗާލީ އޯސްޓިން އެވެ. މިއީ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް 3 މެޗުން އޯސްޓިން މި ސީޒަނުގައި ކާމިޔާބު ކުރި 5 ވަނަ ލަނޑެވެ.
ސައުތުހެމްޓަންގެ ލަނޑަށް ފަހު އާސެނަލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި އެޓޭކް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ ނަތީޖާ އެއްވަރު ކޮށްލުމަށް ކުރި މަސައްކަތް ބޭކާރުވެގެންނެވެ.
ދެ ވަނަ ހާފުގައިވެސް އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތްތަކުގެ ހުރަހަކަށް ބޮޑަށް ވީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުން ދިޔަ ސައުތުހެމްޓަންގެ ޑިފެންސެވެ.
އާސެނަލް އަށް މި ސީޒަނުގެ ޕްރިމިއާ ލީގުގެ 6 ވަނަ ބައްޔާ ކުރިމަތި ވަނީކަމަށް ބެލެވިފައި ވަނިކޮށް އެ ޓީމު ސަލާމަތް ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އޮލިވިއާ ޖިރޫ އެވެ. އެލެކްސިސް ސަންޗޭޒް ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުރެ ބޮލުން ޖިރޫ މި ލަނޑު ޖެހިއިރު، މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އާސެނަލްއަށް ޖިރޫ ކާމިޔާބު ކޮށްދިން 17 ވަނަ ލަނޑެވެ.
މި އެއްވަރާއެކު އާސެނަލްއަށް ވަނީ ލީގު ހޯދުމުގެ އުންމީދު އެއްކޮށްހެން ގެއްލިފައެވެ. އެ ޓީމު 29 ޕޮއިންޓާއެކު 5 ވަނައިގައި އޮތްއިރު، އެއް މެޗު މަދުން ކުޅެ އެއް ވަނައިގައި އޮތް ސިޓީއާ އާސެނަލް އާ ދެމެދު 14 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް