ގައުމީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގެމަނަފުށީގެ ދޯންޏަކުން ރަށުގައި ކުރިން މަސްވެރިކަން ކުރި ދޮށީއުމުރުގެ މަސްވެރިން ގޮވައިގެން މިއަދު މަހަށް ގޮސްފިއެވެ.
'ގެލަރީ ވިޝަން' ނަމަކަށް ކިޔާ ދޯންޏަކުން ދޮށީ އުމުރުގެ ވިއްސަކަށް މަސްވެރިން މިއަދު ވަނީ މަހަށް ގޮސްފައެވެ. މިކަމާއި ގުޅިގެން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ ގެމަނަފުށީގެ ދޮށީގެ އުމުރުގެ މަސްވެރިންގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ގެމަނަފުށީގެ ދޯންޏަކުން މިފަދަކަމެއް ކުރާތީ ވަރަށް އުފާކުރައްވާ ކަމަށެވެ.
" ދޮށީގެ އުމުރުގެ މަސްވެރިންނަކީ ގައުމީ ބަޠަލުން. އެމީހުންގެ އަގުވަޒަން ކުރަންޖެހޭ. މިއަދު އަޅުގަނޑުގެ ދޭން ބޭނުންވާ މެސަޖަކީ ގެމަނަފުށީގެ ހުރިހާ މަސްވެރިން ވަކިން ޚާއްސަކޮށް ދޮށީގެ އުމުރުގެ މަސްވެރިންނާއި ދޭތެރޭ އަޅުގަނޑުމެން ފަޚުރުވެރިވާކަން" ޝިޔާން ވިދާޅުވިއެވެ. އަދި މީ މަސްވެރިކަމުގެ ކުރީގެ އުކުޅުތައް ދަސްކުރުމަށް ޒުވާން މަސްވެރިންނަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް ޝިޔާން ފާހަގަކުރެއްވިއެވެ.
ގއ. ގެމަނަފުއްޓަކީ މަސްވެރިކަމުގެ ދާއިރާއިން މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ވަކިން ޚާއްސަކޮށް ގިނަ އަދަދެއްގެ ތައުލީމީ ޒުވާނުން އެ ރަށުގެ ދޯނިތަކުން މަހަށް ދެއެވެ. އަދި މަސްވެރިކަމުން ރަނގަޅު ނަފާ އެއް ވެސް ދަނީ ލިބެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް