މަސްވެރިއެއްގެ އިހުސާސް: މަސްކިރޭނެ ރަނގަޅު އިންތިޒާމެއް ގާއިމުކޮށްދީ

މިއަދަކީ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހާއި ކުރިމަތިލާއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްވެރިން ބާނާ މަސް ކިރޭނެ ރަނގަޅު އިންތިޒާމެއް ނެތުމެވެ. 'ދުވަސް' އާއި ވާހަކަ ދައްކަމުން ދެކ...

10 Dec 2017 | 03:30

މިއަދަކީ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހާއި ކުރިމަތިލާއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްވެރިން ބާނާ މަސް ކިރޭނެ ރަނގަޅު އިންތިޒާމެއް ނެތުމެވެ. 'ދުވަސް' އާއި ވާހަކަ ދައްކަމުން ދެކުނުގެ މަސްވެރިއެއް ބުނީ މަސްވެރިންގެ ހައިސިއްޔަތުން އެއްމެ ބޮޑަށް ބޭނުންވަނީ މަސްކިރޭނެ ކަމުގެ ޔަގީންކަން ލިބުން ކަމަށެވެ.

" މިހާރު މި ދިމާވާ މައްސަލައަކީ ރަނގަޅަށް މަސްބާނާ ދުވަހެއް ވިއްޔާ މަސްކިރޭނެ ގޮތެއް ނޯވޭ. ކޫއްޑޫ އަށް ވެސް މިވާގޮތަކީ ދެތިން ދޯނިން މަސްކިރާލީމަ އެ ފުލްވީ. މީ ވަރަށް ދެރަ ކަމެއް" އެ މަސްވެރިޔާ ބުންޏެވެ. ރަނގަޅުވާހަކައެވެ. މަސްވެރިކަމުގެ މޫސުމުގައި މަސްވެރިންގެ އެންމެ ބޮޑު މާޔޫސް ކަމަކީ އެއީއެވެ. މަސްވެރިކަމަށް މިހާރު ނުކުންނަނީ ވަރަށް ބޮޑެތި ދޯނި ފަހަރުގައެވެ. އެ މަސްވެރިކަން ރަނގަޅު ބައެއް ދުވަސް ދުވަހު 20 ޓަނު 25 ޓަނުންވެސް މަސްބާނައެވެ. ރަސްއައިނުން ހައްސަ ބާނައިގެން ދާއިރު މަސްނުކިރި ހުސްއަތާ އަންނަންޖެހުން މަސްވެރިންނަށް ގަބޫލެއް ނުކުރެވޭނެއެވެ. ކޫއްޑޫ އަދި ފެލިވަރު ފަދަ ތަންތަނުގެ ކެޕޭސިޓީ ބޮޑުކޮށް މަސްވެރިންނަށް ޔަގީންކަން ދޭންޖެހެއެވެ.

މަސްވެރިންގެ އަނެއް ޝަކުވާ އަކީ މަސްކިރުމަށް ފަހު ވެސް ފައިސާ ލިބުން ލަސްވުމެވެ. ބައެއް ފަހަރު މި ފައިސާ ލިބެން ތިން ހަފްތާ ނުވަތަ ހަތަރު ހަފްތާ ނަގާ ކަމަށް ބައެއް މަސްވެރިން ބުނެއެވެ. އެހެން ނަމަވެސް 'ދުވަސް' އާއި ވާހަކަ ދެއްކި އެހެން މަސްވެރިއަކު ބުނީ ފަހުން ފައިސާދޭގޮތަށް ނަމަވެސް މަސްކިރުވޭނަމަ އަސްލު ޝަކުވާ އެއް ނެތް ކަމަށެވެ.

' މުޅި އަހަރު ދުވަހު މަސްވެރިން މި ބަރޯސާ ވަނީ މަސްވެރިކަމުގެ މޫސުމުގައި ބާނާ މަހުން ލިބޭ ފައިސާ އަށް އެކަމަކު މަސްބާނަން ފަށާއިރަށް މަސްކިރުން ހުއްޓޭ. ފަހުން ފައިސާ ލިބޭގޮތަށް ވެސް މަސްކިރޭނެނަމަ ވަރަށް ރަނގަޅު" އެ މަސްވެރިޔާ ބުންޏެވެ. ހަގީގަތުގަ ވެސް މަސްވެރިންނަކީ ވަރަށް ބުރަ މަސައްކަތް ކުރާ ބަޔެކެވެ. އެތައް ދުވަހަކު ކަނޑުމަތީގައި އުޅެފާ ބުރަ މަސައްކަތުން މަސްބާނައިގެން އައިމަ އެ މަހަށް ފައިސާ ނުލިބެންޏާ ދެރަވާނެ އެވެ. ފިކުރު ބޮޑުވާނެއެވެ.

މަސްވެރިންގެ ދުވަހު ބައެއް މަސްވެރިންގެ އިލްތިމާސް އަކީ މިއީއެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރެވެ. އެ ލޭނާރަށް ދަތިއުދަގޫ ކަމެއް ދިމާވުމަކީ މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މަސްވެރިންގެ ޝަކުވާ އަޑުއަހާ ދިވެހި ސަރުކާރުން މަސްވެރިންގެ އުއްމީދު ހާސިލްކޮށްދިނުމަކީ އެ މީހުންގެ އިލްތިމާސްއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް