އުރީދޫ ކަލަރ ރަން ކާމިޔާބުކަމާއެކު ހުޅުމާލޭގައި ބާއްވާފައިވާއިރު ގިނަގުނަ ކުލަތަކާއި އުފާވެރި މާޙައުލެއްގައި ހުކުރުދުވަހު ހަވީރު ބޭއްވުނު ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ރެކޯރޑް ޢަދަދަކަށް ދުވުންތެރިން ބައިވެރިވި ކަމުގައި އުރީދޫ އިން ހާމަކޮށްފި އެވެ.
"އެކި އުމުރުފުރާތަކުގެ ނުހަނު ގިނަ ޢަދަދެއްގެ ދުވުންތެރިން އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދިޔަތަން ފެނުމަކީ ވަރަށް ހިތްގައިމު ވަގުތުކޮޅެއް. ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އުރީދޫ ކަލަރ ރަން ރާއްޖޭގެ އިތުރު ރަށްރަށުގައި ބޭއްވިގެންދާނެކަން އަޅުގަނޑުމެން މި އިޢުލާނުކުރަނީ ވަރަށް އުފަލާއެކު." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވިއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރަމުންގެންދިޔައެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކީ ފަންނާނުން ކަމުގައިވާ ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން، ޑީޖޭ ޑީވައިޑީ، ޑީޖޭ އާލިމް އަދި އިކުއަޓިކް ވައިބް ފަދަ ހުނަރުވެރި ފަންނާނުންގެ މިއުޒިކް ގުގުމަމުންދިޔައެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުންނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރިއެވެ.
އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން ޑާންސް ކުރުމުގެ ހުނަރުތައް، ޙަރަކާތްތެރިކަން އަދި އެކުގައި ބައިވެރިވި ދުވުންތެރިންގެ ޢަދަދަށް ބަލައި މާރކްސް ދިނުމަށްފަހު އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ ވަނީ ހޮވާފައެވެ. މީގެ އިތުރުން އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ހޮވާފައިވަނީ ހެދުންއެޅުމުގެ ވައްޓަފާޅިއާއި، ކްރިއޭޓިވިޓީ އަދި ޕާރފޯމަންސަށް މާރކްސް ދިނުމަށްފަހުގައެވެ. މި މަޤާމުތައް ޙާސިލްކުރި ކޮންމެ ބައިވެރިއަކަށް އުޜީދޫ މޯލްޑިވްސްއިން 5،000 ރުފިޔާގެ ފައިސާގެ ހަދިޔާއަކާއި އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ވަނީ ޙަވާލުކޮށްފައެވެ.
އުރީދޫ ކަލަރ ރަން އިއްޔެ ނިމުމާއިއެކު ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިފަދަ ފޯރިގަދަ، އަދި ކުލަގަދަ ދުވުމެއް ބޭއްވުމާއި އެކުވެސް ހުޅުމާލޭގެ މަގުތަކާއި މާޙައުލު ސާފުކޮށް ބޭއްވުމަކީ އުރީދޫއިން އެންމެ ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.
އުރީދޫ ކަލަރ ރަން ބޭއްވުނީ ޔުނިކްސް ސްޕޯރޓިންގ ގެ ބައިވެރިވުމާއެކު، ޓްރެއިން ވިތް ކައި، އައިރަނާރސް، އައިކެއަރ އޮޕްޓިކަލްސް އަދި 100 ޕްލަސްގެ އެހީތެރިކަމާ އެއްބާރުލުމާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް