ބައެއް ކަހަލަ ކެއުމަށް ނުވަތަ ބުއިމަށް އިންސާފުކުރާއިރު، ނުވަތަ އެ ކެއުމެއް ނުވަތަ ބުއިމެއް ނިމޭފަހުން މެއިން ދިލަ ނެގުމަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ. ނަމަވެސް މިކަން އާންމު ކަމަކަށް ވާނަމަ ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި ޑޮކްޓަރަކަށް ދައްކާލުން މުހިންމެވެ. އަދި މިކަން ދިމާވަނީ ކީއްވެތޯ ބަލައިލުން މުހިންމެވެ.
ގެވެށި ފަރުވާގެ ގޮތުގައި، މެއިން ދިލަ ނަގަނީ ކީއްވެކަން އެނގޭތަ، މި ސުރުހީގެ ދަށުން މި އާޓިކަލް މި ލިޔަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ ގޭސްޓްރޯއެންޓްރޯލޮޖިސްޓެއް ކަމުގައިވާ ޑރ. ޕޯ ޗޫ ހީން، ވެބް އެމްޑީގައި ލިޔެފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.
މެއިން ދިލަނެގުން – އަލާމާތް ތަކަކީ ކޮބާ !؟
މެއިން ދިލަ ނަގާއިރު މޭނުވަތަ ހިތް ހިމެނޭ ސަރަހައްދު ނުވަތަ ބަނޑުގެ ތެރެއިން އަނދާ ކަމުގެ އިހުސާސެއް ނުވަތަ ތޫނު އިހުސާސެއް ކުރެވެ އެވެ. އަދި ބައެއް ފަހަރު ރަހައަށް ބަދަލުތަކެއް އައުންވެސް ހިމެނެ އެވެ.
އިތުރު ބައެއް އަލާމާތްތައް:
ކޮށި އެރުން، ކަރުތެރެ ހިކުން
ކަރުތެރޭގައި އެއްޗެއް ތާށިވާހެން ހީވުން
ކުޅު ގިނަވުން
އަނގައިން ނުބައިވަސް ދުވުން
މެއިން ދިލަނެގުން އާންމު ކަމަކަށް ވާނަމަ !؟
މެއިން ދިލަ ނެގުން އާންމު ކަމަކަށް ވާނަމަ އެކަމަކީ "ގޭސްޓްރޯއެސްސަސޯފަޖީލް ރިފްލަކްސް ޑިޒީސް" (ޖީއީއާރުޑީ) ކަމަށްވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި މި ބައްޔަކީ އޭސިއާ ބައްރުގައި ހަލުވި ސްޕީޑެއްގައި އިތުރުވަމުން އަންނަ ބައްޔެއް ކަމުގައިވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިކަން މިހެން ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބައެއް ބާވަތުގެ ކެއުން އަދި ބުއިމަށް މާ ގިނައިން އިންސާފު ކުރުން ހިމެނޭ ކަމަށް ބުނެފައި ވެ އެވެ.
މިކަމަށް ދެވޭ އެންމެ އާންމު ފަރުވާ އަކީ ޕްރޮޓޯން ޕަމްޕް ތެރަޕީ (ޕީޕީއައި) ކަމުގައިވާއިރު މިކަމަކީ ބަނޑުގައި އުފެދޭ އެފަދަ ބާވަތްތަކުގެ އެސިޑް ނައްތާލުމަށް ދެވޭ ތެރަޕީއެއް ކަމަށް ބުނެފައި ވެ އެވެ.
އެ ފަރުވާއަށް ނުކަތައިފި ނަމަ ދެން ވާނީ ކިހިނެއް !؟
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 އިންސައްތަ އާއި 40 އިންސައްތަ އާއި ދެމެދުގެ މީހުންނަށް ޕީޕީއައި ތެރަޕީން ހައްލެއް ނުލިބެ އެވެ. ނަމަވެސް އެކަމަށްވެސް ހައްލު އެބަ އޮތެވެ. އިތުރު ފަރުވާތައް ހުރެ އެވެ.
ޑޮކްޓަރުން މިކަން ދެނެގަންނަނީ ކިހިނެއް !؟
ޑޮކްޓަރުން މި ބަލި ދެނެގަންނަނީ އާދައިގެ އެންޑޯސްކޯޕީ ޕްރޮސީޖާއެއް ކުރިއަށް ގެންގޮސްގެންނެވެ. ކުޑަ ކެމެރާއެއް މެދުވެރިކޮށް ޑައިޖެސްޓިވް ސިސްޓަމްގެ ޓެސްޓެއް ކުރިއަށް ގެންދެ އެވެ. އަދި ބައެއް ހާލަތްތަކުގައި ޓެސްޓް ކުރުމަށް ޓިސޫ ސާމްޕަލްއެއް ބޭނުން ކޮށްފާނެ އެވެ.
އެ ޓެސްޓް ނެގަޓިވް ވެއްޖެ ނަމަ މި ބަލި ދެނެގަތުމަށް އިތުރު ބައެއް ޓެސްޓްތައް ވެސް ކުރިއަށް ގެންދެ އެވެ.
މެއިން ދިލަނެގުމުން ސަލާމަތް ވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމަކީ ކޮބާ !؟
ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި މެއިން ދިލަނެގުމުން ސަލާމަތްވުމަށް ނިދުމުގެ ދޭއް ނުވަތަ ތިން ގަޑިއިރު ކުރިން ނާސްތާއަށް އިންސާފު ކުރުން މުހިންމެވެ. ނިދާ ގަޑިއާއި ނާސްތާ އަށް އިންސާފުކުރާ ގަޑި ގާތް ނަމަ މެއިން ދިލަ ނެގުމުގެ ފުރުސަތު ބޮޑުވެ އެވެ.
ކާއިރު އެއްފަހަރާ ގިނައިން ނުކެއުން.
ލަސް ލަހުން ކެއުން.
މެއިން ދިލަ ނަގާނަމަ، މެއިން ދިލަ ނެގުމަށް އާންމުކޮށް މެދުވެރިވާ ބައެއް ކެއުން ނުވަތަ ބުއިންތައް ކަމުގައިވާ، ހުތް މޭވާ ނުވަތަ ބުއިންތައް މަދުކޮށްލުން، ކެފެއިން އެކުލެވޭ ބުއިންތައް މަދުކޮށްލުން، ފެޓްސް ގިނައިން އެކުލެވޭ ކެއުންތައް މަދުކޮށްލުން، ކުޅިކޮށް ނުކެއުން ހިމެނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން.
ތިބާގެ މެއިން ދިލަ ނަގަނީ ކޮންކޮން ކެއުމަކުން ނުވަތަ ބުއިމަކުން ކަމުގައި ދެނެގަނެ އެފަދަ ކެއުން ނުވަތަ ބުއިމަށް ސަމާލުވުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް