އިންތިފާދާ، މި ބަހުގެ މާނައަށް ބަލާލާއިރު އެއް މާނައަކީ ކުއްލިއަކަށް އަންނަ ލޮޅުމެވެ. ނުވަތަ ތުރުތުރު އެޅުމެވެ. އެހެންނަމަވެސް އިންތިފާދާ މި ބަސް ހަރުލާފައިވަނީ ފަލަސްތީނުގެ މުސްލިމުން އިޒްރޭލުގެ ޔަހޫދީންގެ ކިބައިން މުސްލިމުންގެ މުގައްދަސް ބިންތައް ސަލާމަތް ކުރުމަށް ތެދުވާ ތެދުވުންތަކަށެވެ. ކުރިއަށްގެންގޮސްފައިވާ ދިގުދެމިގެންވާ ހަރަކާތްތަކަށެވެ.
އެގޮތުން ފުރަތަމަ އިންތިފާދާ އަކީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގުބިތާއި ގާޒާއަށް ވެރިގަންނަން މަސައްކަތް ކުރުމުން ފަލަސްތީނުގެ މުސްލިމުން އެކަމާއި ދެކޮޅަށް ތެދުވި ތެދުވުމެވެ. މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔަ ހަރަކާތްތަކެވެ. އެ އިންތިފާދާ 1987 އިން ފެށިގެން 1993 އާއި ހަމައަށް ދިގުދެމިގެން ދިޔަ އެވެ. ފަސް އަހަރަށް ދެމިގެންދިޔަ އެ އިންތިފާދާގައި ފަލަސްތީނުގެ 1962 މުސްލިމުން ޝަހީދުވި އެވެ. އިޒްރޭލުގެ 277 މީހަކު މަރާލި އެވެ.
ދެވަނަ އިންތިފާދާ އަކީ މަސްޖިދު އަލް އަގްސާގެ ދިފާއުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. 2000 ވަނަ އަހަރު ފެށުނު އެ އިންތިފާދާ 2005 ވަނަ އަހަރާއި ހަމައަށް ދިގު ދެމިގެން ދިޔަ އެވެ. ދެވަނަ އިންތިފާދާއަކީ ފަލަސްތީނުގެ 3179 މުސްލިމަކު ޝަހީދު ވި އެވެ. އަދި އިޒްރޭލުގެ 900 އަށްވުރެ ގިނަ ސިފައިން މަރާލި އެވެ.
އަނެއްކާވެސް މިވަނީ ހަމަ އެފަދަ ހާލަތެއް ދިމާވެފަ އެވެ. ޔަހޫދީންގެ ނުބައި ރޭވުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބާރުލުން ދީ، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ކަނޑައެޅި ވަގުތުން ފެށިގެން ފަލަސްތީނުގެ މުސްލިމުން މިވަނީ ގުދުސްގެ ދިފާއުގައި މަގުމައްޗަށް ނިކުމެފަ އެވެ.
އެހެނަސް ކުރިއާއި މިހާރާ ފަލަސްތީނުގައި ބައެއް ކަންކަން ތަފާތެވެ. އެންމެ ބޮޑު ތަފާތަކީ ސިޔާސީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި ގައުމު އޮތުމެވެ. ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާއި ދެމެދު އަދިވެސް ދެބަސްވުންތަކެއް ހުރި ކަމީ ފެންނަ މަންޒަރެކެވެ. އެހެންކަމުން މިހާރު ފަލަސްތީނުގެ ރައްޔިތުން ވަމުން އަންނަ ގުރުބާނީ ތިންވަނަ އިންތިފާދާއަކަށް ވުމަށް ހުރަސް އަޅާފާނެކަމުގައި ބެލެވެ އެވެ. އެހެންނަމަވެސް މީގެ ކުރީގެ ދެ އިންތިފާދާގެ ފެށުމަށް ބަލާލި ނަމަވެސް އެކަންކަން ފެށިގެންގޮސްފައިވަނީ ރައްޔިތުންގެ ތެރެއިން ކަމުގައިވުމުން މިހާރުވެސް ރައްޔިތުން މަގުތަކަށް ނިކުމެފައިވާއިރު މަގުމަތަކުގައި އިހުތިޖާޖު ކުރަމުން އަންނަ ރައްޔިތުންގެ ތެރެއިން ގޮތެއް ނިންމައި، މިއީ ފަލަސްތީނުގެ ތިންވަނަ އިންތިފާދާއަށް ވުންވެސް އެކަށީގެން ވެ އެވެ.
ދުއާއަކީ އަހަރެމެން ދިވެހި ރާއްޖެއަކީ މުސްލިމު ގައުމަކަށް ވީ ހިނދު އަދި މުސްލިމުންގެ މުގައްދަސް އެ ބިމުގެ ދިފާއުގައި ފަލަސްތީނުގެ މުސްލިމުން ނިކުމެފައި ވީހިނދު އެ މުސްލިމުންނަށް މާތް ﷲ ނަސްރާއި ކާމިޔާބީ ދެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް