ކޮމިޓީން ހުށަހެޅި ގޮތަށް އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަޖެޓު ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު މަޖިލީހުން ފާސްކޮށްފި އެވެ. މިދޔަ އަހަރަށްުވުރެ ހަ ބިލިއަން ރުފިޔާ އިތުރު އެ ބަޖ...

10 Dec 2014 | 11:03

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަޖެޓު ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު މަޖިލީހުން ފާސްކޮށްފި އެވެ.

މިދޔަ އަހަރަށްުވުރެ ހަ ބިލިއަން ރުފިޔާ އިތުރު އެ ބަޖެޓު މަޖިލީހުން ފާސްކަން 60 މެންބަރަކު ވޯޓުދެއްވި އެވެ. ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ.

ބަޖެޓަށް އެމްޑީޕީގެ ގިނަ މެންބަރުން ވޯޓުދެއްވާފައި ނުވާއިރު މަޖިލީހުގެ ނާއިބް ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަނީ ބަޖެޓަށް ތާއީދުކޮށް ވޯޓުދެއްވާފައި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސްކޮށްފައިވަނީ އިދިކޮޅު މެންބަރުން ހުށަހެޅި އެއްވެސް އިސްލާހެއް ނުހިމަނައެވެ. އެގޮތުން 19 އިސްލާހެއް ބަޖެޓަށް ހުށަހަޅާފައިވާއިރު އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވާއިރުސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަން ނިންމްފައިވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ރައްޔިތުންނަށް ދެވޭ ސޯޝަލް ޕްރޮޓެކްޝަން އަށާއި ސަބްސިޑީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ރާވާފައިވެ އެވެ. އެގޮތުން، އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދޭން އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އާސަންދަ އަށް 750 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް