ފެން ފޯރުކޮށްދިނުުގައި ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ: އެޗްއާރުސީއެމް

އާންމުންނަށް ފެން ފޯރުކޮށްދޭން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްގު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ. ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ...

10 Dec 2014 | 08:46

އާންމުންނަށް ފެން ފޯރުކޮށްދޭން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްގު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ފެން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަނީ އިހުލާސްތެރިކަމާ އެކުގަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ މި ކާރިސާގައި ހައްގުތައް ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ދައުލަތުގެ ފަރާތުން، ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ޓާސްކް ފޯސްއެއް އެކުލަވާލައި، ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ހެޔޮ އެދޭ ފަރާތްތަކުން މާލޭގައި ދިރިއުޅޭ އާންމުންނަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަނީ ތައުރީފު ހައްގުވާ ގޮތަކަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެޗްއާރުސީއެމްއިން ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ހިމެނޭ ނުކުޅުދެތުންތެރިކަން މީހުންނަށް ފެންފޯރުކޮށްދިނުމުގައި އިސްކަން ދެމުން އަންނަ ކަމަށެވެ. އަދި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އެކަމުގައި އިހްލާސްތެރިކަމާއި އިހްސާންތެރިކަން މި މަސައްކަތުގައި އުޅޭ ފަރާތްތަކުން ދައްކައިދެމުންދާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމިޝަނުން ބުނީ ފެނުގެ ހައްގު ހޯދަން ދިވެހިން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ކެތްތެރިކަމާ އެކު، އެހެން މީހުންގެ ހައްގަށް ވެސް އިހުތިރާމް ކޮށްގެން ކަމަށެވެ. މިއީ އިންސާނީ ހައްގުތަކަށް ރައްޔިތުން ދޭ މަތިވެރި ދަރަޖަ ހާމަވާ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިފަދަ ކާޜިސާތަކާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާއި އޮނިގަނޑުތައް ބިނާކުރަން ޖެހޭނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އެންމެ އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް ސަމާލުކަން ދީގެން ކަމަށް ބުނެފައިވެ އެވެ.

އެޗުއާރުސީއެމުން ބުނިގޮތުގައި މިއީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގައި ކޮމިޝަނަށް ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. އެގޮތުން ހުށަހެޅި ގިނަ މައްސަލަތަކަކާއި ހުޅުވާލައިގެން ބޭއްވި އިންކުއަރީތައް ނިމިފައިވާކަންފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް