ޝެއިހް ހަސީނާ --
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެނބުރި ޤައުމަށް ވަޑައިގެންނެވިޔަސް މަރުގެ ޙުކުމް ތަންފީޒުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް އެ ޤައުމުގެ ބައިނަލްއަޤުވާމީ ކުށުގެ ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ބުނެފިއެވެ.
ޗީފް ޕްރޮސެކިއުޓަރު މުޙައްމަދު އަމީނުލް އިސްލާމް މިހެން ބުނީ، ޙަސީނާ އިންޑިއާއިން ބަންގްލަދޭޝަށް އެނބުރި ވަޑައިގެންނެވުމަށް ރާއްވަވަމުން ގެންދަވާ ކަމުގެ ޚަބަރުތަކާ ގުޅިގެންނެވެ. 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ބޮޑު އިޙްތިޖާޖާ ގުޅިގެން ވެރިކަން ވެއްޓުމުން އިންޑިއާއަށް ވަޑައިގެންނެވި ޙަސީނާގެ މައްޗަށް، މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ހިންގި ކަމަށް ބުނާ ޖަރީމާތަކާ ގުޅިގެން، އިންސާނިއްޔަތާ ދެކޮޅު ކުށުގެ މަރުގެ ޙުކުމް ޓްރައިބިއުނަލަކުން ވަނީ އިއްވައިފައެވެ.
އޭނާ ބުނީ ޝެއިޚް ޙަސީނާ ބަންގްލަދޭޝަށް އެނބުރި ދާން ބޭނުންނަމަ، ޝަރީޢަތް ހިނގަމުން ދިޔައިރު ގޮސް މައްސަލައާ ކުރިމަތިލެއްވީސް ކަމަށެވެ. ޙުކުމް ޝާއިޢުކުރި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިޢުނާފުވެސް ހުށަހެޅީހެވެ،" ކަމަށް ދަ ޑެއިލީ ސްޓާރުން ރިޕޯޓުކޮށްފައިވެއެވެ. އަމީނުލް އިސްލާމް އިތުރަށް ބުނީ، މަރުގެ ޙުކުމް އިއްވައިފައިވާ މީހަކަށް ޕާސްޕޯޓް ދޫކުރެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.
އޭނާ ފާހަގަކުރީ 1973 ގެ ބަންގްލަދޭޝް ޕާސްޕޯޓް އޯޑަރުގެ ހަ ވަނަ އަދި ހަތް ވަނަ މާއްދާގެ ދަށުން، އަޚްލާޤީ ބޮޑެތި ކުށްތަކުގައި ދެ އަހަރު ނުވަތަ އެއަށްވުރެ ދިގު ޙުކުމެއް ތަންފީޒުކުރާ މީހުންނަށް ޕާސްޕޯޓް ދޫކުރުން މަނާކޮށްފައިވާ ކަމަށެވެ.
ޙަސީނާ ހޯމަ ދުވަހު ނިއު ދެއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުގައި އައު ޕާސްޕޯޓާއި ނެޝަނަލް އައިޑެންޓިޓީ ކާޑެއް ހެއްދެވުމަށް އެދިވަޑައިގެންފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ބެލި ސިޓީއަކުން އެނގެއެވެ. ލަންޑަނުގެ މެޓްރިކްސް ޗޭމްބާޒްގައި ތިއްބެވި ޤާނޫނީ ވަކީލުން މެދުވެރިކޮށް ހުށަހެޅި މި ސިޓީގައި، ކުރީ ސަރުކާރުން ޕާސްޕޯޓާއި އައިޑީ ކާޑު ބާޠިލުކުރި ކަމަށް ބެލެވޭ ޚަބަރުތަކާ ގުޅިގެން އައު ލިޔެކިޔުން ހައްދައިދިނުމަށް އެދިފައިވެއެވެ. ނަމަވެސް ގަޑީރުތަކެއް ފަހުން ބަންގްލަދޭޝް ސަރުކާރު ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފައެވެ.
ޚާރިޖީ ކަންކަމާ ބެހޭ ސްޓޭޓް މިނިސްޓަރު ހުމާއިއޫން ކޮބީރު ބުނީ ޙަސީނާ ފޮނުވައިލެވޭނީ ބަންގްލަދޭޝާއި އިންޑިއާގެ ދެމެދުގައި އޮތް ބަދަލުކުރުމުގެ (އެކްސްޓްރެޑިޝަން) މުޢާހަދާގެ ދަށުން ކަމަށެވެ. "ޓެރަރިސްޓުންނަށް ބަންގްލަދޭޝުން ޕާސްޕޯޓެއް ނުދެއެވެ. ބަންގްލަދޭޝުން އެދެނީ އެ މީހުން ބައްދައިދިނުމެވެ،" ކަމަށް ކޮބީރު ބުންޏެވެ.
ޙަސީނާ ކުރިން ބުނެފައިވަނީ ހައްޔަރުކޮށް ނުވަތަ މަރާލައިފާނެ ކަމުގެ ބިރަށް ފަސްނުޖެހި ޑިސެމްބަރުގައި އެނބުރި ވަޑައިގެންނެވުމަށް ގަސްދުކުރައްވާ ކަމަށެވެ. އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ޙަސީނާ އިންޑިއާއަށް ވަޑައިގެންނެވި ފަހުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ޑާކާއިން ތަކުރާރުކޮށް ގެންދަނީ ޙަސީނާ ބައްދައިދިނުމަށް އެދެމުންނެވެ. 2026 ވަނަ އަހަރުގެ ފެބްރުއަރީ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަހުމާން، ނިއު ދެއްލީގައި ބޭއްވި ބްރިކްސް ސަމިޓް ފަދަ ސަރަޙައްދީ ބޮޑެތި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް