ގާޒާގައި ހާލުގައި ޖެހިފައި ތިބި ބަޔަކު --
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
އައިއޭސީން ބުނީ، މިއަހަރުގެ ފިނިމޫސުމުގެ ކެމްޕޭންގެ ދަށުން ފަލަސްޠީނުގެ ޣައްޒާ، ވެސްޓްބޭންކް، އަދި މިސްރުގައި ތިބި ޣައްޒާގެ ރެފިއުޖީންނަށްވެސް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މީގެއިތުރުން ބަންގްލަދޭޝް އަދި މިޔަންމާގައި ތިބި ރޮހިންގިޔާ ދަރިކޮޅުގެ މީހުންނަށާއި، ސޫދާނުގެ ރައްޔިތުންނާއި މިސްރުގައި ތިބި އެ ޤައުމުގެ ރެފިއުޖީންނަށް ވެސް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސީރިޔާ، ޔަމަން، ބަންގްލަދޭޝް، އަދި ސްރީލަންކާގެ ނިކަމެތި އާއިލާތަކަށް ވެސް މި ކެމްޕޭނުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ.
ފިނިމޫސުމުގެ ގަދަ ފިނީގެ ސަބަބުން ކޮންމެ އަހަރަކު ވެސް ހާލުގައި ޖެހިފައިވާ އެތައް މިލިއަން އާއިލާއަކަށް ސިއްޙީ ގޮތުންނާއި ދިރިއުޅުމުގެ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހެއެވެ. ޚާއްޞަކޮށް ގެދޮރު ގެއްލި ޓެންޓުތަކުގައާއި ހިޔާވަހިކަމެއް ނެތި އުޅެމުންދާ ކުޑަކުދިންނާއި ދޮށީއުމުރުގެ މީހުންނަށް މި ދުވަސްވަރު ދިރިއުޅުން އިންތިހާއަށް ދަތިވެއެވެ.
އައިއޭސީން ބުނި ގޮތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭ މި އެހީތައް ވެގެންދާނީ ފިނިމޫސުމުގެ ހިތްދަތި ހާލަތުން އެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށެވެ.
މި ކެމްޕޭނުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ތަކެތީގެ ތެރޭގައި:
ހޫނު ކާނާ (ހޮޓްމީލް)
ކާބޯތަކެތީގެ ޕެކޭޖް
ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ ޓެންޓް
ބްލޭންކެޓް
ފިނި ހެދުން
ގެދޮރު މަރާމާތުކޮށްދިނުން
އެހެންކަމުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފުރުސަތުގެ ބޭނުން ހިފުމަށް އައިއޭސީން އެދެއެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރާނެ އެކައުންޓް ނަންބަރުތައް:
ބީއެމްއެލް (BML): 7770000062740
އެމްއައިބީ (MIB): 90101555002111000(އެކައުންޓް ނަން: International Aid Campaign)
އައިއޭސީގެ ފިނިމޫސުމަށް ހާއްސަ މި ޕްރޮޖެކްޓް “ސަވައިވިންގ ވިންޓާ” ކުރިއަށް ގެންދާތާ މިހާރު 9އަހަރު ވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި އެ ޖަމިއްޔާއިން ވަނީ ދިވެހިންގެ އެހީ އެކި ގައުމުތަކުގައި އުޅޭ މުސްލިމުންނަށް ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް