އުރަމަތީ ކެންސަރު ޖެހޭ ޒުވާން އަންހެނުން ފަރުވާ ފެށުމުގެ ކުރިން ދަރިމައިވުމުގެ ޤާބިލުކަން ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.
އުރަމަތީ ކެންސަރު ޖެހުމަކީ ބިސް ރަވައަށް ނުވަތަ ދަރިމައިވުމުގެ ގުނަވަންތަކަށް ސީދާ ގެއްލުމެއް ލިބޭ ކަމެއް ނޫނެވެ. ނަމަވެސް ކީމޯތެރަޕީ ފަދަ ފަރުވާތަކުގެ ސަބަބުން ބިސް ރަވައިގައި ހުންނަ ފޮލިކަލްތަކަށް ގެއްލުން ވެ، ބިސް ރައްކާތެރިކޮށްދޭ މިންވަރު ދަށްވެ، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ދަރިމައިވުމުގެ ޤާބިލުކަން ގެއްލިދާނެއެވެ.
ބައެއް ފަހަރު އެ ދުވަސް އައުމުގެ ކުރިން ދެން އިއްދައިން ކެނޑިދާނެއެވެ. ހޯމޯން ތެރަޕީގައި ބޭނުންކުރާ ޓެމޮކްސިފެން އަދި އެރޮމެޓޭޒް އިންހިބިޓާ ފަދަ ބޭސްތަކުގެ ސަބަބުން ޙައިޟުގެ ދައުރަށް ބަދަލު އާދެއެވެ. އެ ބޭސް ބޭނުންކުރާ ދުވަސްވަރު ބަލިވެއިނުމުން ދުރުހެލިވުމަކީ ޢާންމު ގޮތެއްގައި ޑޮކްޓަރުން ދޭ ލަފައެވެ.
އިންޑީއާގެ މަނިޕާލް ހޮސްޕިޓަލްގެ ނަސާއީ ބަލިތަކުގެ ކޮންސަލްޓަންޓް ޑރ. މަންގަލާ ދޭވީ ކޭއާރު ފާހަގަކުރެއްވި ގޮތުގައި، ހޯމޯނަށް ހިސާބު ކެންސަރު ޖެހިފައިވާ އަންހެނުންނަށް އީސްޓްރޮޖެންގެ އަސަރު ކުޑަކުރުމަށް ލެޓްރޮޒޯލް ބޭނުންކޮށްގެން ޚާއްޞަ ސްޓިމިއުލޭޝަން ޕްރޮޓޯކޮލެއް ބޭނުންކުރެވިދާނެ ކަމަށެވެ.
ފަރުވާ ނިމުމަށް ފަހު ވެސް ބަލިވެއިނުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެކަމަށް އެންމެ ރަނގަޅު ވަގުތު ކަނޑައެޅެނީ ކެންސަރުގެ ބާވަތާއި، ލިބުނު ފަރުވާއާއި، އަލުން ކެންސަރު ޖެހުމުގެ ނުރައްކާ ހުރި މިންވަރާއި، ދަރިމައިވުމުގެ ޞިއްޙީ ޙާލަތަށް ބެލުމަށް ފަހުގައެވެ. ދިގު މުއްދަތުގެ ހޯމޯން ތެރަޕީ ނަގާ ފަރާތެއް ނަމަ، ކޮންމެވެސް ހާލެއްގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ވަގުތީ ގޮތުން މެދުކަނޑައިލުމާ މެދު މަޝްވަރާކުރެވިދާނެއެވެ. އެކަމަކު އަމިއްލައަށް ބޭސް ހުއްޓައިލައިގެން ނުވާނެއެވެ.
ދަރިމައިވުމުގެ ޤާބިލުކަން ރައްކާތެރިކުރުމަކީ އިޚުތިޔާރު ހިފެހެއްޓުމާއި، ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމާއި، އަންހެނުންނަށް އެމީހުންގެ މުސްތަޤުބަލާ މެދު ހޭލުންތެރި ނިންމުންތައް ނެގުމަށް އެހީތެރިވެދިނުން ކަމަށް ޑރ. މަންގަލާ ދޭވީ ވިދާޅުވުވެފައިވެ އެވެ.
ކެންސަރުގެ ފަރުވާ ކަނޑައެޅުމުގެ ކުރިން ކެންސަރު ޑޮކްޓަރާއި ދަރިމައިވުމުގެ ތަޖުރިބާކާރެއްގެ ލަފާ ހޯދުމަކީ، ފަރުވާ ލަސްނުކޮށް ވެސް ދަރިމައިވުމުގެ ހުރިހާ ފުރުސަތެއް ދެނެގަތުމަށް މަގުފަހިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް