އާޓިފިޝިއަލް ޢިންޓެލިޖެންސް )އޭއައި( ގެ ގާބިލްކަން ލިބިފައިވާ ޓީޗަރުންގެ ފޯސްއެއް ރާއްޖޭގައި ވަރަށް އަވަހަށް ބިނާކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ޥިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި ޓީޗަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ތަމްރީނު މިހާރު ވެސް ޓީޗަރުންނަށް ދެމުން ގެންދާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ޤާބިލުކަން ލިބިފައިވާ "ޓީޗަރުންގެ ފޯސްއެއް" ރާއްޖޭގައި ބިނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢުއާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިދިޔަ މަހު ވާހަކަފުޅު ދައްކަވައި، ކޮމްޕިއުޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޓީޗަރުންނަށް ކޮމްޕިއުޓަރު ދިނުމަށް ނިންމެވީ ކިޔަވައިދިނުމުގެ މާޙައުލު ފަސޭހަކޮށް، މަސައްކަތުގެ ބުރަ ލުއިކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޓީޗަރުންނަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އަޅުގަނޑު ގަބޫލުކުރަން ކޮންމެ ޓީޗަރަކަށް ރާއްޖޭގެ ސްކޫލުތަކުގައި ކޮމްޕިއުޓަރު ގާއިމް ކުރެވިފައެއް ނުހުރޭ. އެހެން ދާއިރާތަކާ ހިލާފަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައި އޮތް ކަމެއް އެއީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި ޔަޤީންކަމަކީ، ކޮންމެ ޓީޗަރަކު ވެސް މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ކޮންމެ ސްކޫލެއްގައި ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ނިމުމާ އެކު ފެށިގެން ކުރިއަށް ގެންދަވާނެ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް