ފޮޓޯ: ބީއެމްއެލް
ރަޝިޔާއަށް ނުވަތަ ރަޝިޔާއިން ފައިސާ ފޮނުވުމުގެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ ރަޝިޔާއާ ގުޅޭ ފައިސާގެ މުޢާމަލާތްތައް މެދުކަނޑައިލާފައިވާ ކަމަށް ބުނެ ފެތުރެނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ފަދަ ޚަބަރެއް ބީއެމްއެލުން އެއްވެސް މީޑިއާއަކަށް ހިއްސާކޮށްފައެއް ނުވާނެ ކަމަށާއި، އެ ކަމާ ގުޅޭ ރަސްމީ ބަޔާނެއް ވެސް ނެރެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރަޝިޔާއިން ފޮނުވާ ނުވަތަ ރަޝިޔާއާ ގުޅުން ހުރި ފައިސާގެ މުޢާމަލާތްތައް ހުއްޓުވާ ސިޔާސަތެއް ވެސް ބީއެމްއެލުން ނުގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ބައިނަލްއަޤުވާމީ އެހެން ބޭންކުތެކެކޭ ވެސް އެއް ފަދައިން، ބީއެމްއެލުން ވެސް ބައިނަލްއަޤުވާމީ ކޮރެސްޕޮންޑެންޓް ބޭންކިން ނެޓްވޯކުތައް މެދުވެރިކޮށް ފައިސާ ފޮނުވާ ކަމަށާއި، އެ ނެޓްވޯކުތަކުގެ ކޮމްޕްލައެންސް ސިޔާސަތުތަކާ ފުށޫއަރާ މުޢާމަލާތެއް ނަމަ އެ މުޢާމަލާތެއް ރިޖެކްޓް ކުރެވުން ނުވަތަ އަނބުރާ ފޮނުވައިލެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ، މިފަދަ ޙަޤީޤަތާ ޚިލާފު ޚަބަރުތައް ފެތުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް