ފުރާވަރު ކުދިންގެ އުމުރު ދެނެގަންނަ އޭއައި ޓެކްނޮލޮޖީ މެޓާއިން މިމަހު ހުރިހާ ގައުމެއްގައި ބޭނުން ކުރަން ފަށަނީ

10 Nov 2026 | 10:25
މެޓާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް --

މެޓާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް --

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ މެޓާއިން، ފުރާވަރު ކުދިން އޮޓޮމެޓިކުން ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ މި މަހުން ފެށިގެން ދުނިޔޭގެ ހުރިހާ ޤައުމަކަށް ފުޅާކުރަން ނިންމައިފިއެވެ.

މި ޓެކްނޮލޮޖީއަކީ ބޭނުންކުރާ ފަރާތުގެ ޕޯސްޓުތަކާއި އެ މީހާ ޕްލެޓްފޯމް ބޭނުންކުރާ ގޮތް ދިރާސާކޮށް އުމުރު އަންދާޒާ ކުރާ ނިޒާމެކެވެ. އެގޮތުން ދޮގު އުފަންދުވަހެއް ޖަހައިގެން ބޮޑު މީހެއްގެ ގޮތުގައި ރެޖިސްޓާ ކޮށްފައި ހުއްޓަސް، ހަގީގަތުގައި ފުރާވަރު ކުއްޖެއް ކަމަށް ލަފާކުރެވޭ ނަމަ، އެ އެކައުންޓް އޮޓޮމެޓިކުން "ޓީން އެކައުންޓް" ކެޓަގަރީއަށް ބަދަލުކުރެވެއެވެ.

މީގެ ކުރިން އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާގައި މި ޓެކްނޮލޮޖީ ޓެސްޓުކޮށް ކާމިޔާބު ނަތީޖާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޓީން އެކައުންޓެއްގެ ގޮތުގައި ކެޓަގަރީ ކުރެވޭ އެކައުންޓުތަކުގައި ގިނަ ހިފެހެއްޓުންތަކެއް އެޅެއެވެ. ދުވާލެއްގެ މައްޗަށް ދެ ގަޑިއިރަށް ބޭނުންކުރެވޭ ވަގުތު ލިމިޓް ކުރެވެއެވެ. ދަންވަރު 12 އިން ފެށިގެން ފަތިހު ހައެއް ޖެހުމާ ހަމައަށް ނޮޓިފިކޭޝަންތައް ބްލޮކް ކުރެވެއެވެ.

ހެނދުނު އަށަކާއި މެންދުރުފަހު ތިނެއް ދެމެދު — ސްކޫލް ގަޑީގައި — ވެސް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހުއްޓުވައެވެ. ލައިކްސް ފަދަ "ސޯޝަލް ކޮމްޕެރިޒަން" ފީޗާތައް ނުފެންނަ ގޮތަށް ހަދައި، ސިފަ ބަދަލުކޮށްލާ ފިލްޓާތައް ވެސް ޑިފޯލްޓުން ނިވާލައެވެ. ކޮންމެ 15 މިނެޓަކުން ބްރޭކެއް ނެގުމަށް ބާރުއެޅޭ އިރު، 60 މިނެޓާއި 90 މިނެޓު ހަމަވުމުން ވެސް ހަނދާންކޮށްދެއެވެ.

ބެލެނިވެރިންނަށް ކުދިންގެ ހަރަކާތާ ބެހޭ ރިޕޯޓު ލިބޭ އިރު، ކުއްޖާ ފުރަތަމަ ފަހަރަށް ބޮޑު މީހަކަށް މެސެޖު ކުރުމުން ނޮޓިފިކޭޝަނެއް ލިބެއެވެ. އަމިއްލައަށް ގެއްލުން ދިނުން ނުވަތަ ކެއުމުގެ ބައްޔެއް ފަދަ ނާޒުކު މައުޟޫޢެއް ސާޗުކޮށްފި ނަމަ ވެސް ބެލެނިވެރިޔާއަށް އެ ކަން އެންގެއެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނުގައި މެޓާއިން ބުނީ "ފުރާވަރު ކުދިންގެ ރައްކާތެރިކަމަށް އިންސްޓަގްރާމް އެކަނި މަސައްކަތް ކުރުމަކުން ނުފުދޭ" ކަމަށާއި، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް ވެސް ހަމަ މި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ.

މި ބަދަލު ގެންނަނީ ފުރާވަރު ކުދިންނަށް ޕްލެޓްފޯމްތަކުން ލިބޭ ގެއްލުމާ ގުޅިގެން މެޓާއާ ދެކޮޅަށް ބޮޑެތި ދައުވާތަކެއް ހުށަހެޅި، ބިލިއަން ޑޮލަރުގެ ސެޓަލްމަންޓްތައް ހެދުމުން ގެންނަ ބަދަލެއްގެ ގޮތުގައި އެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ބަންޑާރަ ނައިބުން ހުށަހެޅި ދައުވާތަކުގައި، މެޓާގެ ޕްލެޓްފޯމްތައް "ދެވިހިފުމަށް ބާރުއަޅައި، ކުދިންގެ އުމުރު ރަނގަޅަށް ކަށަވަރު ނުކުރެވި، ބެލެނިވެރިންގެ ކޮންޓްރޯލް ފޫއަޅުވައިލުމަށް ހިތްވަރު ދީ، ގެއްލުން ދެނިވި ކޮންޓެންޓް ގަސްދުގައި ފެތުރޭ" ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިދިޔަ އޮގަސްޓް މަހު 18 ބިލިއަން ޑޮލަރުގެ ބަދަލެއް ދީ، ފުރާވަރު ކުދިންނާ ގުޅޭ ސިޔާސަތުތައް ވަރުގަދަ ކުރުމަށް މެޓާއިން އެއްބަސްވެފައިވެއެވެ. ހަމައެއާ އެކު، އޮސްޓްރޭލިއާއިން މިދިޔަ އަހަރު 16 އަހަރު ނުފުރޭ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ޤާނޫނެއް ފާސްކުރި ނަމަވެސް، މި މަހު ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓާއި ރެޑިޓް ފަދަ ފަރާތްތަކުން އެ ޤާނޫނުގެ ޤާނޫނީ ސައްޙަކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފައިވެއެވެ.

މެޓާއިން ބުނި ގޮތުގައި މި އޭއައި ޓެކްނޮލޮޖީ މި އަހަރު ތެރޭ ފޭސްބުކް އަދި ތްރެޑްސް ޕްލެޓްފޯމަށް ވެސް ފުޅާ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް