މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ރާއްޖޭގެ މޫސުން މިއަދު އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.
ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މޫސުން ގޯސްވެފައިވާތީ މިއަދު ހެނދުނު 7:00 ން މެންދުރު 12:00 އާއި ހަމައަށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައި އެވެ. އަދި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް އޮތީ ރީނދޫ ސަމާލު ނެރެފައި އެވެ.
މެޓުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ކަނޑުތައް ގަދަވެ ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ވިއްސާރައިގަ އެކި ރަށްރަށުގައި ފެން ބޮޑުވެފައިވާއިރު މާލޭގައި ފެންބޮޑުވެގެން ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތް ފަށާފައި އެވެ.
މޫސުން އަލިވާން ފަށާނެ ކަމަށް މެޓުން ކުރިން ލަފާކޮށްފައި އޮތީ މާދަމާއިން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް