އަންދާޒާ ކުރިވަރު ދަށްވެެއްޖެ، ރަސްމާލެ ހިންކަން ޖުމްލަ ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތޮލިބް

10 Nov 2026 | 08:16
ޑރ. އަބްދުލް މުއްތަލިބް -- ފޮޓޯ: ރައީސް އޮފީސް

ޑރ. އަބްދުލް މުއްތަލިބް -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގެ 1,009 ހެކްޓަރުގެ ބިން ހިއްކައި ނިންމުމަށް ޖުމްލަ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫޢު ފެށިއިރު ކުރި އަންދާޒާގައި ޚަރަދު ހުންނާނީ 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގައި ކަމަށެވެ. އެ ހިސާބު ޖެހީ އޭރު ސަރުކާރުން ހިންގަމުން ދިޔަ އެހެން ހިއްކުމުގެ މަޝްރޫޢުތަކުގެ ޚަރަދާއި، އެ ދުވަސްވަރުގެ ބާޒާރުގެ ރޭޓުތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޚަރަދަށް ރިޢާޔަތްކޮށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ޚަރަދު ކުޑަކުރުމަށް ޑްރެޖަރު ޗާޓާކުރުން ފަދަ ގޮތްތައް ބޭނުންކުރެވުނު ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމެންވާއިރަށް މުޅި މަޝްރޫޢުގެ ޖުމްލަ ޚަރަދު ކުރީގެ ތަޞައްވުރާ އަޅައިބަލާއިރު ބޮޑުތަނުން ދަށްވާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ހަގީގަތުގަ މާލެ، ރާއްޖޭގައި މިއީ ބިން ހިއްކަން ހަރަދުކުރާ އަދަދުތަކަށް ބަލާއިރު ހަމަ ފުދޭވަރަކަށް ރަނގަޅު ރޭޓުތަކެއްގައި އަޅުގަނޑުމެންނަށް އެކަން ކުރެވިފައި އެވަނީ. އެހެންވީމަ މީ އެކި ބޭފުޅުން ސިޔާސީ ބޭނުމަށްޓަކާ 700 މިލިއަން ޑޮލަރު ޚަރަދުކުރި ވާހަކަ އާއި 1،000 މިލިއަން ޑޮލަރު ހަރަދުކުރި ވާހަކައަކީ އެއީ ހަމަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް،" މުއްތަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ، 330 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ދިވެހި ރުފިޔާއިން ޚަރަދުކޮށްފައިވާ ކަމަށެވެ. އެގޮތަށް ޢަމަލުކުރީ ޑޮލަރުގެ ތާށިކަމަށް ވީހާ ވެސް ކުޑަ އަސަރެއް ކުރުވުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. ހަމައެކަނި ބިން ހިއްކުމުގެ ބޭނުމުގައި ކުންފުނިތަކާ މަޝްރޫޢު ހަވާލުކުރީ ނޫން ކަމަށާއި، ސަރުކާރާއި ކުންފުނިތައް ގުޅިގެން އެންމެ ކުޑަ ޚަރަދުގައި މަސައްކަތް ނިންމުމަށް މަސައްކަތްކުރީ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް