އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި ޒަމާނުންސުރެ އެކި ފަންތީގެ މީހުން ދިރިއުޅެއެވެ. އެއްބަޔަކީ މުއްސަނދިން ކަމުގަ ވާއިރު އަނެއްބަޔަކީ މެދުފަންތީގެ ދިރިއުޅުން އުޅެމުންދާ ބަޔެކެވެ. ދެން އޮތީ ކޮންމެވެސް ވޯޓަކާއި ގުޅިގެން އެބައެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވޭ ފަގީރުންގެ ވާހަކައެވެ. ނިސްބަތުން ބަލާއިރު ދިވެހިރާއްޖޭގައި ކިރިޔާ ފުއްދާލައިގެން އުޅޭ މީހުން ގިނަ ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މަހުގެ ފަހުކޮޅަށް ދާއިރު އަތުގަ ވިއްކާލައިގެން ކާލާނެ ފައިސާފޮއްޗެއްވެސް ނޯވެއެވެ. ހިތާމަޔާއެކު ބުނަން މި ޖެހެނީ މި މީހުންނަކީ މިގައުމުގައި ވަޒީފާ އަދާކުރާ މީހުންނެވެ. އިނގިރޭސިން ބުނާނަމަ "ވާރކިންގް ކްލާސް" އެވެ. މި ބައި ނުވަތަ "ވާރކިންގް ކްލާސް" ގެ ހާލަތަކީ މިއީ ކަމުގައި ވާއިރު މަސައްކަތާއި ވަޒީފާނެތި އަދި މަސައްކަތެއް ކުރުމުގެ ވަސީލަތެއް ނެތި މިގައުމުގައި އުޅޭ މީހުންގެ ހާލަކީ ކޮބައިތޯ ބަލާލަނީ ކޮން ބައެއް ހެއްޔެވެ؟ ވޯޓަކާއި ދިމާކޮށް އެބައެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވޭ މީހުންގެ ހާލަތަކީ ވޯޓް ހޯދުމުގެ ނިޔަތުގައި ދެކެވޭ ވާހަކައަކަށް ނޫނީ ގިނަފަހަރަކު ނުވެއެވެ.
އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގެ ހާލަތަށް އެކަނި ބަލާލިޔަސް ވަޒީފާއަށް ދަނީ ކުލިދައްކަން އަދި ކުލި ދައްކަންޖެހޭތީ ވަޒީފާއަށްދާން ޖެހޭ މީހުން ނިސްބަތުން ގިނައެވެ. މާދުރުދުރުން ވާހަކަ ނުދައްކާ އަޅުގަނޑު މި ލިޔުން ލިޔުމުގެ ސީދާ މަގްސަދަށް ޖެހިލާނަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިގައުމު ހަމަމަގަށް އެޅުވޭނީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކޮށްގެންނެވެ. އާނއެކެވެ. މި ދައްކަނީ އާ ގާނޫނުއަސާސީއަށް އަމަލުކުރަންފެށި ހިސާބުން ފެށިގެން އަދާ ހަމައަށް ދައްކާ މުހިންމު ގާނޫނެއްގެ ވާހަކައެކެވެ. އިންކަމް ޓެކްސް ގާނޫނެއްގެ ވާހަކައެވެ.
ޓެކްސްގެ ގާނޫނެއް އުފެދިގެން އައުމަކީ އަޅުގަނޑުމެން ނުހަނު އުފާކުރި ކަމެކެވެ. އަޅުގަނޑުމެންނަށް ދިމާވެފައިވާ މި އުނދަގޫ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ކުރި އުންމީދެއްގެ މައްޗަށް ބިނާކޮށެވެ. މިގޮތުން މުދަލުންނާއި ހިދުމަތްތަކުން ޓެކްސް ނަގަން ފެށުނެވެ. އަދި ބޮޑެތި ވިޔާފާރިން ޓެކްސް ނަގަން ފެށުނެވެ. ދައުލަތުގެ އާމްދަނީ އިތިރުވިއެވެ. ދައުލަތުން ގިނަ ހިދުމަތްތަކެއް ދެވި، ހުރި ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޓެކްސް އިތުރު ހަކަތައަކަށް ވިއެވެ.
ނަމަވެސް މި ވުޖޫދު ކުރެވުނު ޓެކްސް ނިޒާމުގައި ބޮޑު ބާގަނޑެއްވާކަން ދެނަ ހުރި މީހަކު މަދެވެ. މި ބާގަނޑު ފޫބައްދައިފި ނަމަ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، މުއްސަނދިންނާއި ފަގީރުންގެ މެދުގައިވާ ފަރަގު ކުޑަކުރެވޭނެއެވެ. މި ބާގަނޑަށް ކިޔަނީ އިންކަމް ޓެކްސް އެވެ. ޓެކްސްގެ ނިޒާމުން ރެކެން އިންކަމް ޓެކްސް ގާނޫނެއްނެތުމުގެ ބޭނުން ހިފާ ވިޔަފާރިވެރިން މިރާއްޖޭގައި މަދެއްނޫނެވެ. ވިޔާފާރިން ލިބޭ ފާއިދާގެ ބޮޑުބައެއް މުސާރައިގެ ގޮތުގައި ނަގައެވެ. ނަތީޖާއަކަށްވަނީ ވިޔަފާރީގެ ފާއިދާ ދަށްވުމެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސް ގެ ގޮތުގައި ދައްކަންޖެހޭ އެއްޗެއް ކުޑަވުމެވެ.
މިސާލަކަށް 10،000ރ. މުސާރަލިބޭމީހެއްގެ މުސާރަ އެއްކޮށް ހަރަދުވާކަމަށް ވާނަމަ ސީދާކޮށް ނޫނީ ނުސީދާކޮށް ނަމަވެސް ދައުލަތަށް 600ރ. އެމަހަކު އޭނާ ދެއްކިކަމަށް ބެލެވިދާނެއެވެ. އަހަރަކަށް 7200ރ. އެވެ. ނަމަވެސް އިންކަމް ޓެކްސް ގާނޫނެއް ނެތުމުގެ ސަބަބުން ވިޔަފާރި ފާއިދާ މުސާރައިގެ ގޮތުގައި ބައެއް ވިޔާފާރިވެރިން ނަގައެވެ. އަނެއްބައި ހާލަތުގައި ވިޔަފާރިވެރިޔާ އާއި ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަށް ހަދާ އެ ޖަމިއްޔާ ޖަމާއަތްތަކުގެ އެކައުންޓަށް ރުފިޔާ ޖަމާކޮށް ވިޔަފާރީގެ ފާއިދާ ކުޑަކުރެއެވެ. ރިޕޯޓު ހުށައަޅާ ހިސާބަށް ދާއިރު ވިޔަފާރި ފާއިދާ ވާނީ ވުޖޫދުން ވަގުތީގޮތުން ގެއްލުވާލެވިފައެވެ. ފަހުން މިފާއިސާ ވަންނާނީ ވިޔަފާރިވެރިޔާގެ އެކައުންޓަށެވެ. މިހެން ކަންކުރުމުގެ ސަބަބުން ވިޔާފާރީގެ ފާއިދާ ކުޑަވެ ބީޕީޓީ ދައްކަންވެސް ނުޖެހޭ ހިސާބަށް ދުއްވާލައެވެ. މި ވިޔަފާރިވެރިޔާ ހަރަދުކުރާ ކޮންމެ 10،000ރ. އަކަށް 600ރ. ދައުލަތަށް ދައްކާއިރު ވިޔަފާރީގެ ފައިދާ ދައުލަތަށް ރާހައެއް ނުކޮށް އެކަންޓުކުރެވިފައި ހުރެއެވެ.
މިބީދައިން ކަންކަން ކުރިއަށްދާއިރު ދުވަހެއް ދުވަހަކަށް މުއްސަނދިންނާއި ފަގީރުންގެ ފަރަގުދަނީ އިތުރުވަމުންނެވެ. ހިތާމައަކީ އިންކަމް ޓެކްސް ގާނޫނެއް ނެތުމުގެ ސަބަބުން މިކަހަލަ ކިތަންމެ ކުޅިއެއް ވިޔަފާރިންނަން ކުޅެން ލިބުމެވެ.
ޝައްކެވެސްނެތް ގޮތުގައި ޓެކްސްގެ ގާނޫނު ފުރިހަމަ ނުވުމުގެ ފާއިދާ ކޮންމެވެސް އެއްބަޔަކަށް ލިބެއެވެ. ދެން ބަލަން މި ޖެހެނީ ގާނޫނު ހަދާ މަޖިލީހަށެވެ. ބޮޑެތި ވިޔަފާރިވެރިންނާއި އެ ވިޔަފާރިވެރިން އެކި ދާއިރާތަކަށް ނެރޭ ކެންޑިޑޭޓުންގެ ވާހަކައެވެ. ވޯޓު ހޯދަންނިކަމެތި ރައްޔިތުން އައްޑަނައަކަށް ނަގައެވެ. ނަމަވެސް މި ފަރަގު ކުޑަކުރާކަށް ނޫޅެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ވާހަކަ ދައްކާކަށް އަޅުގަނޑެއް ނެތީމެވެ. ސަބަބަކީ މަޖިލީހަށް މީހަކު ހޮވެނީ އެމީހަކަށް ވޯޓުލާމީހުން ގިނަވީމައެވެ. ނަމަވެސް މިވާހަކަ ލިޔެލަން އަޅުގަނޑު ހިތަށްއެރި ސަބަބަކީ މިކަމަކީ ކެންޑިޑޭޓުންނަށް ވުރެން ރައްޔިތުން ވިސްނަން ވެއްޖެ ކަމަކަށް އަޅުގަނޑަށް ފެންނާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް