މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކްސް ސާވިސަސް ޑައިރެކްޓްރޭޓުގައި މަސައްކަތްކުރައްވާ ކޮމިޝަންޑް އޮފިސަރުންނާ މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ޙަވާލު ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި އެ މުއައްސަސާގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް މިބައްދަލުވުމުގައި އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހެއްކާ ޤަރީނާގެ އިތުބާރާ ޔަޤީންކަން ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފޮރެންސިކްސް ސާވިސަސް ޑައިރެކްޓްރޭޓުގައި މަސައްކަތްކުރާ ފުލުހުންނާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ފޮރެންސިކް ހެއްކާ ޤަރީނާއަކީ އިތުބާރާ ޔަޤީންކަން އޮތް އެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވައި އެކަމުގައި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ފުލުހުން ހާމަކުރެ އެވެ.
"އަޙްމަދު ޢަރީފް ވިދާޅުވީ އެކިއެކި މައްސަލަތައް ތަޙުޤީޤު ކުރުމުގައި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. ހަމައެހެންމެ ޢާއްމު މަޞްލަޙަތު ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އަމާންކަން ޤާއިމް ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާ ކަމަށް، މިފަދަ ކޮންމެ މަސައްކަތަކުންވެސް އެންމެ އެދެވޭ ނަތީޖާ ފެނިގެންދާނީ ހަމަހަމަ ކަމާ ދެފުށް ފެންނަގޮތަށް ކަންކަން ކޮށްގެންކަމަށާ ޤާނޫނު ތަންފީޒްކޮށް ކުށުގެ ނުރައްކާ ނައްތާލުމަށް ކުރާ މަސައްކަތުގައި ތެދުވެރިކަން އިސްކޮށްގެން ކަމަށް، އެހެންކަމުން ކޮންމެ ފުލުހަކީ އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް އެރޫޙުގައި އަދި އެއަސާސްގެ މަތީގައި މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެކަމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވި" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ އިއްޔެގެ ބައްދަލުވުމުގައި ފޮރެންސިކްސް ސާވިސަސް ޑައިރެކްޓްރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން އެހެނިހެން އޮފިސަރުން ބައިވެރިވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް