ރައީސް ނަޝީދުގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ގުޅީފަޅަކީ ދިރިއުޅެން އެއްގޮތަކަށްވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެތަނުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ރޭ ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ގުޅީފަޅު ކޭސް އަކީ ވަރަށް ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި ރައީސް ނަޝީދުގެ ސަރުކާރުގައި އެތަން ހިންގުން ޖެހުނުގޮތާއިމެދު ފިކުރު ކުރަން ޖެހޭ ކަމަށެވެ.
"ރައީސް މައުމޫން ހުޅުމާލެ ތަރައްގީ ކުރީ ވަރަށް ހަރުދަނާ ވިސްނުންފުޅެއްގައި، މި ސަރަހައްދުގެ ރެސިޑެންޝަލް ސިޓީ އަކީ އެއީ، އެތަން ޑިވެލޮޕް ކުރެވެމުން ދަނިކޮށް އަދި އިތުރަށް ޑެވެލޮޕް ކުރެވެން އޮއްވާ، އަދި އެތަނަށް ޕްލޭނެއްވެސް އޮއްވާ އެތަން ދޫކޮށްލާފަ އެހެން އެހެން ޕްލޭނެއް ހެދީ، ދިރިއުޅެން އެއްގޮތަކަށްވެސް އެކަށީގެން ނުވާތަނެއް ގުޅީފަޅަކީ، ޖެހިގެން މިއޮތީ ތިލަފުށި، ވަރަށް ދޯހަޅިކޮށް ގޯސްކޮށް ފެށިތަނެއް އެއީ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ޕްލޭންގައި އެކްސްޕާޓުން ކުރިން ލަފާދީފައި އޮތީ މާލެއިން ބޭރުކުރަން ޖެހޭ އިންޑަސްޓްރިއަލް ތަންތަން ގުޅީފަޅަށް ބަދަލު ކުރުން ކަމަށާއި އެގޮތުން ގަރާޖުތައް، ގުދަންތައް، އަދި ޕޯޓެއްގެ ގޮތުގައި ގުޅީފަޅު ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން މިހާރު ބަދަލުވެގެން މިދަނީ އެގޮތަށް ކަމަށާއި ގުޅީފަޅުގެ ޕްލޭން ސަރުކާރުން ފަހުން އާންމު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ގުޅީފަޅު މައްސަލައިގާ މިނިސްޓަރު އިތުރަށް ވިދާޅުވީ ގުޅީފަޅުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ ރިސީޕްޓްތައް މިހާރު ހޯދާފައި ވާކަމަށާއި އެ ފަރާތްތަކުގެ ހައްގުތައް ސަލާމަތް ކުރާނެ ކަމަށެވެ. އަދި އެކަށީގެންވާ ގޮތުގައި ބަދަލު ދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް