ދުބާއީގެ ސިއްހީ ހިދުމަތް ދިނުމުގައި ޑޮކްޓަރުން ބޭނުން ކުރުމަށާއި ބައެއް ހާލަތްތަކުގައި އެމްބިއުލޭންސްގެ ގޮތުގައި ދުވެލި ބާރު ކާރުތައް ބޭނުން ކުރަމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ގަލްފް ނިއުސްގައި ބުނެފައިވަނީ ދުބާއީން އެގޮތަށް ވިސްނަމުން އަންނަކަން ހާމަކޮށްފައިވަނީ މިދިއަ ހަފްތާގައި ކުރިއަށްދިޔަ "ޖިޓެކްސް ޓެކްނޮލޮޖީ" ހަފްލާގައި ކަމަށާއި ސިއްހީ ދާއިރާގައި ދުބާއީން ބޭނުން ކުރުމަށް ވިސްނަމުން އަންނަނީ ލޮޓަސް ބްރޭންޑާއި ފޯޑް މުސްޓޭންގް ބްރޭންޑްގެ ކާރުތައް ކަމަށެވެ.
"ބާރު ސްޕީޑްގެ ކާރުތައް ބޭނުންކުރާނީ އެމްބިއުލެންސަށް ގުޅުމުން ބަލިމީހާގެ ހާލު ސްޓެބަލައިޒް ކުރުމަށް ޑޮކްޓަރުންނާއި ބޭނުންވާނެ ސާމާނު ބަލިމީހާ ގާތަށް އަވަހަށް ފޮނުވުމަށް، އޭރަށް އެމްބިއުލެންސް އަންނައިރު ޑޮކްޓަރުން އެތާނގައި ތިބޭނެ، ޕޭޝަންޓްގެ ހާލަތު ސްޓޭބަލައިޒް ކުރެވޭނެ" އެ އިވެންޓްގައި ސަރުކާރުގެ އޮފިޝަލެއް ވިދާޅުވި އެވެ.
ދުބާއީން ބުނަނީ އެ ހިދުމަތްފެށުމުން ބަލިމީހުންނަށް ހިދުމަތް ދެވުމުގެ ސްޕީޑް 50 އިންސައްތަ އަވަސްވެގެންދާނެ ކަމަށެވެ.
ދުބާއީގެ ސިއްހީ ހިދުމަތަށް ދުވެލި ބާރު ކާރު ބޭނުން ކުރަން ނިންމާފައިވާއިރު ދުބާއީގެ ފުލުހުންވެސް އަންނަނީ ފެރާރީ އާއި ޓަސްކަނީ އަދި އެފަދަ ބާރު ސްޕީޑް ކާރުތައް ބޭނުން ކުރަމުންނެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތަކުގައި ގޫގަލް ގްލާސް ތެކްނޮލޮޖީވެސް ދުބާއީގެ ފުލުހުން ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް