ރިޔާޒް އެއާޕޯޓަށް ދިން ހަމަލާއެއްގައި ބަޔަކު ޒަހަމްވެ، ދަތުރުތައް ހުއްޓާލައިފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުފަހު ދިން ހަމަލާއެއްގައި ބައެއް މީހުން ޒަހަމްވެ، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓައިލައިފިއ...

10 Oct 2026 | 18:12
N/A

N/A

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުފަހު ދިން ހަމަލާއެއްގައި ބައެއް މީހުން ޒަހަމްވެ، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓައިލައިފިއެވެ.

ސައޫދީ އަރަބިއްޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ (ގާކާ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހަމަލާ ދީފައިވަނީ އޮކްޓޫބަރު 10 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ލިބުނު ގެއްލުންތައް ފުރިހަމައަށް ބަލައި، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ދަތުރުތައް މެދުކެނޑިފައި އޮންނާނެ ކަމަށް ގާކާ އިން ބުނެފައިވެއެވެ.

މި ހަމަލާގެ ކުރިން ހޮނިހިރު ދުވަހު ކިންގް ހާލިދު އެއާޕޯޓުން ވަނީ ދަތުރުވެރިން ސީދާ އެއާލައިންތަކާ ގުޅައި، ފްލައިޓުގެ ހާލަތު ބެލުމަށް ފަހު އެއާޕޯޓަށް ދިޔުމަށް އިލްތިމާސްކޮށް ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައެވެ. އޭގެ އިތުރުން ސައޫދީ ހާރިޖިއްޔާއިން ވަނީ ދަތުރުތައް ހުއްޓުމުގެ ސަބަބުން އެހެން ގައުމުތަކުގައި ތާށިވެފައި ތިބި ނުވަތަ ރިޔާޒަށް ނާދެވި ތިބި ސައޫދީ ރައްޔިތުން، ތިބި ގައުމެއްގައި ހުރި ސައޫދީ ޑިޕްލޮމެޓިކް މިޝަނަކާ ގުޅުމަށް އެދިފައެވެ. އެ ގައުމުތަކުގައި ހުރި ސައޫދީ އެމްބަސީތަކާއި ކޮންސިއުލޭޓުތަކުން އެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދޭނެ ކަމަށް ހާރިޖިއްޔާއިން ބުނެފައިވެއެވެ.

މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ތިން ސައޫދީ ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. ސައޫދީގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އިތުރު ތަފްސީލް ލިބެމުންދާ ވަރަކުން ހާމަކުރާނެ ކަމަށް ގާކާ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް