N/A
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ބޭސިކް މެރިކަލްޗަރ ތަމްރީން ޕްރޮގްރާމުގެ މި އަހަރުގެ ތިންވަނަ ބުރު 15 ބައިވެރިންނާ އެކު މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މިއަދު ފަށައިފިއެވެ.
މި ފަހަރުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި 15 މީހުންގެ ތެރޭގައި އަންހެން ބައިވެރިއަކު ވެސް ހިމެނެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 14 ދުވަހުގެ މުއްދަތަކަށެވެ.
ޕްރޮގްރާމުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިކުރުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާ ގޮތަށް މެރިކަލްޗަރ މަސައްކަތް ކުރުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަޖުރިބާ ބައިވެރިންނަށް ކިޔައިދޭނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މެރިކަލްޗަރ ދާއިރާއިން ދިވެހިންގެ ޤާބިލުކަން އިތުރުކުރުމާއި ރާއްޖޭގެ އެކުއާކަލްޗަރ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ. މީހުން ބިނާކުރުމަށް ކުރިން ކޮންމެ އަހަރަކު ދެ ޕްރޮގްރާމް ހިންގި ނަމަވެސް، މި އަހަރުން ފެށިގެން ހަތަރު ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިހާރު ކުރިއަށް މި ދަނީ މި ސިލްސިލާގެ ހަތް ވަނަ ޕްރޮގްރާމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން 76 މީހުން ތަމްރީނުކުރެވިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް