N/A
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ބޭއްވި އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިއްހީ ދާއިރާގެ މިސްރާބު ހުރީ އިސްރަށްވެހިންނަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމާ ދިމާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި، ވަކިން ބޮޑަށް އިސްރަށްވެހިންގެ ނަފްސާނީ އުފާވެރިކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެކަމަނާ ސިފަކުރެއްވީ އިސްރަށްވެހިންނަކީ ގައުމު ބިނާކުރުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވެ، ޒުވާން ޖީލުތައް ހިދުމަތުގެ މައިދާނަށް ހަދިޔާކުރި އިއްޒަތްތެރި ފަރާތްތައް ކަމުގައެވެ. އެ ފަރާތްތަކަކީ ގައުމުގެ ހަރުދަނާ ތަނބުތައް ކަމަށް ވެސް ވިދާޅުވެ، އެ ފަރާތްތަކަށް ކަމޭހިތުމަކީ އިސްލާމް ދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. ހާއްސަކޮށް އެ ފަރާތްތަކުގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނުތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހިރާއްޖެއެއް. އިރާދާކުރެއްވީތީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ މިއަމާޒަށް. ވަކި ހާއްސަކޮށް އިސްރަށްވެހިންގެ މަރުކަޒުތައް މި ފާއިތުވި ދެތިން އަހަރު ތެރޭގައި މިދަނީ ހުޅުވެމުން. އެ މަރުކަޒުތަކުގައި މިހާރުވެސް އަގުހުރި އެތައް ހަރަކާތްތަކެއް އެބަ ހިންގޭ. އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ އެތައް ވަގުތުތަކެއް އެތަންތާގައި އެބަ ހޭދަކުރެވޭ. ކުރިއަށް އޮތްތާގައި އެ މަރުކަޒުތަކުގެ ދައުރު ފުޅާވެގެންދާނެކަން ޔަގީން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރަށްވެހިންގެ ސައްލާ ފަދަ ބައްދަލުވުންތަކުގެ ޒަރީއާއިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ލިބި، އެ ކަންކަމުން އަރައިގަތުމަށް ހިތްވަރު ލިބޭނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރަމުންދާ އިސްރަށްވެހިންގެ މަރުކަޒުތަކާ އެކު އެ ފަރާތްތަކުގެ އެކަނިވެރިކަން ފިލައި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވައިލެއްވީ އިސްރަށްވެހިންނަށް ނަފްސާނީ ހިތްހަމަޖެހުމާއި ރޫހާނީ އުފާވެރިކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް