ނަފުސާނީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ނަފުސާނީ ބަލިތައް ދުރާލައި ދެނެގަނެ ފަރުވާގެ ނިޒާމު އިތ...

10 Oct 2026 | 05:34
N/A

N/A

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ނަފުސާނީ ބަލިތައް ދުރާލައި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ، އިންސާފުވެރި ނިޒާމެއް ގާއިމުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި މަސައްކަތް ކުރައްވާނީ ނަފުސާނީ ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމާ އެކު، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވިދާޅުވިއެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމަށް 2025 އިން 2029 އަށް އެކުލަވައިލާފައިވާ ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޕްލޭނުގެ ދަށުން ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތެއް އެކުލަވައިލުމާއި ނަފުސާނީ ސިއްހަތާ ބެހޭ ގާނޫނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާންމު ސިއްހީ ހިދުމަތުގެ ތެރެއަށް ނަފުސާނީ ފަރުވާ ވެއްދުމާއި، ސަރަހައްދީ ފެންވަރުގައި ސްޕެޝަލިސްޓް ހިދުމަތްތައް ވަރުގަދަކުރުމާއި، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތުގައި ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމު ތަރައްގީކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދެއްވުމާ އެކު، އޯގާތެރި، އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމައެއް ބިނާކުރެއްވުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި ހުރިހާ މަސައްކަތެއް ކުރައްވާނީ ކޮންމެ ރަށެއް، ކޮންމެ މުޖުތަމައެއް، އަދި ކޮންމެ ހެޔޮ ނިޔަތެއް ގުޅުވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ އެކްޝަން ޕްލޭނުގެ ދަށުން ސިޔާސަތާއި ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް