އިރު އޮއްސެން ދިޔަ ވަގުތު މާލޭ ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބި ބަޔަކު - އާކައިވް ފޮޓޯ: ދުވަސް
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ
ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު
މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ
ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، މިއަހަރުގެ ޝިޢާރުކަމަށްވާ
"އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިޢާރުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.
އެގޮތުން، ދެމިގެންދާ އިންސާނީ ކާރިސާތަކާއި އެފަދަ ޙާލަތްތަކުގައި ދިރިއުޅުން ވޭތުކުރަމުންދާ
މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤްވާމީ
ފެންވަރުގައި މަސައްކަތްނުކުރެވޭކަން ފާހަގަކުރައްވައި، އެކަމާމެދު ހިތާމަފާޅުކުރައްވަމުން
އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަކީ އެފަދަ ޙާލަތެއްގެ މިސާލުކަމަށެވެ.
އަދި، މިފަދަ ޙާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަނީ ހަމައެކަނި މާއްދީ ގެއްލުން
ނޫންކަމަށާއި، އަންދާޒާނުކުރެވޭ ވަރުގެ ނަފްސާނީ ގެއްލުން އެފަރާތްތަކުން ތަޙައްމަލުކުރަމުންދާކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު
އަސާސެއްކަމަށާއި އަދި އެއީ ވިލުންތެރި އިންސާނީ، އާއިލާތަކާއި، މުޖުތަމަޢުތައް ބިނާކުރުމުގެ
ބިންގާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި
ވަނީ، އެމަނިކުފާނުގެ ޒަޢާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅުކުރައްވާނޭކަމުގެ ޔަޤީންކަން
ތަކުރާރުކުރައްވާފައެވެ. އެގޮތުން، މެންޓަލް ހެލްތު ޤާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން
ކުރިއަރުވާ، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގެ
ސިޔާސަތުތައް ތަންފީޒުކުރުމާއި، ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން
ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ޚިދުމަތް
އިމަރޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ
އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި، މޫސުމީ، ޞިއްޙީ އަދި އިންސާނީ
ކާރިސާތަކުގައި ޢަމަލުކުރާ އިމަޖެންސީ ރެސްޕޮންސްތަކުގައި ނަފްސާނީ ފަރުވާވެސް ހިމެނުމަށް
އިލްތިމާސްކުރައްވާފައެވެ.
އަދި، ދިވެހިންގެ ވިލުންތެރިކަމާއި، އުންމީދާއި، ހިތްވަރު
އިތުރަށް ވަރުގަދަކުރުމުގައި ޖަމުޢިއްޔާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ސަރުކާރުން
ގުޅިގެން މަސައްކަތްކުރަމުންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ސާޖިދާ މުޙައްމަދުވެސް ވަނީ ކާރިސާތަކާއި ހަނގުރާމައިގެ ބިރުވެރިކަމުގެތެރޭގައި އަންހެނުންނާއި
ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާގެ ހައްސާސްކަން ފާހަގަކުރައްވައި، ކުއްލި ނުރައްކަލުގެ
ހާލަތުގައި ފޯރުކޮށްދެވޭ އިމަޖެންސީ ފަރުވާގެ ތެރޭގައި ނަފްސާނީ ފަރުވާ ހިމެނުމަށް
ގޮވާލައްވާފައެވެ.
ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ
ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ނަފްސާނީ
މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި އެކަމަށް
ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް