ޣައްޒާ މަސްރަޙް: ސުލްހައިގެ ޑީލްގެ އޮނިގަނޑަށް އިސްރާއީލު ކެބިނެޓުން ރުހުން ދީފި – ހަމަލަތައް ވަގުތުން ހުއްޓުނީ ކަމަށް ބުނޭ !

ސުލްހައިގެ ޑީލްގެ އޮނިގަނޑެއް އިސްރާއީލު ކެބިނެޓުން ފާސްކޮށްފިއެވެ. ރާއްޖޭ ގަޑިން ބަލާނަމަ މެންދަމު 03:35 ހާއިރު އިސްރާއީލުގެ ކެބިނެޓުން ފާސްކުރި އޮނިގަނޑުގައި މައިގަނޑު ގޮތެއްގައި އޮތީ އަސީރުންނާއި ހ...

10 Oct 2025 | 00:43
ސުލްހައިގެ ޑީލުގެ ފުރަތަމަ މަރުޙަލާއަށް އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވާއިރު އިސްރާއީލުގައި އަސީރުންގެ ޢާއިލާތައް އަދި ޣައްޒާގައި ޣައްޒާގެ ރައްޔިތުން އަންނަނީ އުންމީދުގެ އުފާ ކުރަމުން -

ސުލްހައިގެ ޑީލުގެ ފުރަތަމަ މަރުޙަލާއަށް އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވާއިރު އިސްރާއީލުގައި އަސީރުންގެ ޢާއިލާތައް އަދި ޣައްޒާގައި ޣައްޒާގެ ރައްޔިތުން އަންނަނީ އުންމީދުގެ އުފާ ކުރަމުން -

ސުލްހައިގެ ޑީލްގެ އޮނިގަނޑެއް އިސްރާއީލު

ކެބިނެޓުން ފާސްކޮށްފިއެވެ.

ރާއްޖޭ ގަޑިން ބަލާނަމަ މެންދަމު 03:35 ހާއިރު

އިސްރާއީލުގެ ކެބިނެޓުން ފާސްކުރި އޮނިގަނޑުގައި މައިގަނޑު ގޮތެއްގައި އޮތީ

އަސީރުންނާއި ހައްޔަރީން ބަދަލުކުރުމުގެ ވާހަކަ ކަމަށް ބައިނަލްއަގުވާމީ މަސްދަރުތަކުން

ބުނެއެވެ.

އެ އޮނިގަނޑުގެ ވާހަކަ އެސޯސިއޭޓެޑް ޕްރެސްއާ

ހިއްސާކުރި މަސްދަރަކުން ބުނެފައިވަނީ އޮނިގަނޑަށް ކެބިނެޓުން ރުހުން ލިބުމާއި

ހަމައިން ހަމަލަތައް ދިނުން ހުއްޓޭ ކަމަށާއި ކަނޑައެޅިފައިވާ ވަކި އިމަކަށް އިސްރާއީލު

ސިފައިން ފަހަތަށް ޖެހެންވެސް އެ ހިސާބުން ލާޒިމުވެ އެކަމަށް 24 ގަޑިއިރު

ކަނޑައެޅިގެން ދިޔައީ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ

އެކުލަވައިލި ސުލްހައިގެ ޑީލަށް ނިމިދިޔަ ހަފުތާގެ ފަހުކޮޅު މިސްރުގައި ހަމާސް

އާއި އިސްރާއީލުން މަޝްވަރާތައް ކުރުމަށްފަހު ސުލްހައިގެ އެ ޑީލުގެ ފުރަތަމަ

މަރުޙަލާއަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.

ފުރަތަމަ މަރުޙަލާގައި އެއްބަސްވެފައިވަނީ ހަމާސްގެ

ބެލުމުގެ ދަށުގައި ދިރި ދުނިޔޭގައި ތިބި އަސީރުންނާއި ދުނިޔެ ދޫކޮށްފައިވާ

އަސީރުންގެ ހަށިތައް އިސްރާއީލާއި ހަވާލު ކުރުމާއި ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި

ތިބި ފަލަޞްޠީނުގެ ހައްޔަރީން (އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ 250 މީހުން

ހިމެނޭހެން) މިނިވަން ކުރުމެވެ.

އެމެރިކާގެ ކެބިނެޓުގެ ބައްދަލުވުމެއްވެސް ހަމަ

ރޭގައި ބާއްވާފައިވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ބައްދަލުވުމުގައި

ހާމަކޮށްފައިވަނީ އަސީރުން މިނިވަން ކުރުން ފެށޭ ހަފުތާގެ ހޯމަ ނޫނީ އަންގާރައިގާ

ފެށޭނެ ކަމަށެވެ.

ސުލްހައިގެ ޑީލްގެ ފުރަތަމަ މަރުހަލާއަށް ދެ

ފަރާތުން އެއްބަސްވެ އޮނިގަނޑެއް އިސްރާއީލު ކެބިނެޓުން ފާސްކޮށްފައިވީނަމަވެސް

އަދިވެސް ސުވާލު އުފެދޭ އަދި ދެ ފަރާތުންވެސް ވާހަކަ ނުދައްކާ، ނުވަތަ ދައްކަން ބޭނުން

ނުވާ ބައެއް ކަންކަން އެބަ ހުއްޓެވެ.

ޓްރަމްޕް އެކުލަވާލި ޑީލުގައި ބުނާގޮތުން އިސްރާއީލުން

އެކުގައިގެން ޣައްޒާ ބިމުން ފައިބަން ޖެހެއެވެ. ހަމާސްއިން ހަތިޔާރު ބަހައްޓައި،

ޣައްޒާގެ ސަރުކާރު ހިންގުމުގެ ބާރު އެކުގައި ދޫކޮށްލަން ޖެހެއެވެ. އަދި ހަމަ

އެހެންމެ ބައިނަލްއަގުވާމީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ޣައްޒާގައި އާ ސަރުކާރެއް

އެކުލަވައިލަންވެސް ޖެހެއެވެ. ނަމަވެސް މި މަރުޙަލާތަކުގައި އަދި މި ވާހަކަތައް އެއްވެސް

ފަރާތަކުން ދައްކަމުންނެއް ނުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް