ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އެމްއެންޔޫއިން ކެރިއާ ގައިޑެންސް ދީފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރުމަވަންތަ ސްކޫލުގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށް ކިޔެވުމުގެ މިސްރާބު ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. އެމްއެން...

10 Sep 2026 | 09:03
N/A

N/A

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރުމަވަންތަ ސްކޫލުގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށް ކިޔެވުމުގެ މިސްރާބު ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

އެމްއެންޔޫގެ ބިޒްނަސް ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި ޖުމްލަ 56 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯ ލެވެލް ނިންމުމަށްފަހު ކުރިއަށްދާނެ ސްޓްރީމެއް ހިޔާރުކުރާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އެ ގޮތުން ދަރިވަރުންގެ ޝައުގުވެރިކަމާއި ހުނަރަށް ބެލުމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ސެޝަން ނަންގަވައިދެއްވީ އެމްއެންޔޫގެ ތިން ފެކަލްޓީއެއްގެ ލެކްޗަރާއިންނެވެ. އެއީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ބިޒްނަސް ސްކޫލުގެ މުދައްރިސުންނެވެ. އެ ބޭފުޅުން ވަނީ ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރެވޭނެ މަގުތަކާއި ވަޒީފާގެ މައިދާނުގައި ހުރި ކުރިއެރުންތައް ދަރިވަރުންނާ ހިއްސާކުރައްވައިފައެވެ.

ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅިގެން އެމްއެންޔޫއިން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައި މި ސެޝަން ހިމެނެއެވެ. އެ ޔުނިވަރސިޓީން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެ ކުދިންގެ މުސްތަގުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެމްއެންޔޫއިން ދަނީ ސްކޫލްތަކާ ގުޅިގެން މި ސިލްސިލާ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް