އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އާއި އެޑިޓަރު ހަސަން -
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް "އައިޝާ" ނަމުގައި ޑޮކިއުމެންޓަރީއެއް ހަދައި ޢާންމުކުރި މައްސަލައިގައި، އަދަދު އޮންލައިންގެ ދެ އެޑިޓަރުންގެ މައްޗަށް ޤަޛްފުގެ ދަޢުވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ދަޢުވާ ލިބެނީ އަދަދު އޮންލައިންގެ ސީއީއޯ، ތ. ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޟް މޫސާ އާއި އެޑިޓަރު، މާލެ، މ. ރަބަރުމާގެ، ޙަސަން މުޙައްމަދު ގެ މައްޗަށެވެ. ދަޢުވާ ކޮށްފައި ވަނީ ޤާނޫނުލް ޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ.
ދަޢުވާ ހުށަހެޅުމާ އެކު ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. ޤާޟީ މުޒައްމިލު ނާޞިރު ނެރުއްވި އެ އަމުރުގައި ވަނީ ޑޮކިއުމެންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އަމުރުކޮށްފައެވެ. އަދި ޝަރީޢަތާ ގުޅޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ނުފެތުރުމަށާއި، ޝަރީޢަތް ކުރިއަށް ގެންދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށް ވެސް އަމުރުގައިވެއެވެ. މި އަމުރާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.
ކޯޓުން ފާހަގަކުރީ ޤަޛްފުގެ ކުށަކީ އިސްލާމީ ޝަރީޢާގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި، ނަމާ އަބުރު ރައްކާތެރި ކުރެވިފައި އޮތުމަކީ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާ އިން ކޮންމެ މީހަކަށް ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ކަމަށެވެ. އަދި ކުށް ސާބިތު ނުވާ ހައި ހިނދަކު ކުށެއް ކުރީ ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާ އިން ކަށަވަރު ކޮށްދޭ ކަމަށް ވެސް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މާޗް 28 ގައި އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޢާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި 22 އަހަރުގެ އަންހެނެއް ރައީސް އާ ލޯބީގެ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރިއެވެ. ރައީސް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައި، ގުޅުން ހުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލައްވައިފައެވެ. އެއަށް ފަހު އެޕްރީލް 27 ގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ ލެޕްޓޮޕާއި ސްޓޯރޭޖް ޑިވައިސް ހިފެހެއްޓިއެވެ. އަދި ދެ އެޑިޓަރުންގެ ޕާސްޕޯޓް ޖުލައި 26 އާ ހަމައަށް ހިފެހެއްޓި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް