ރައީސް މުޢިއްޒު މި ފަހުން ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ހެދިބޮޑުވަމުން އަންނަ ކުޑަކުދިންނަށް އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަކީ އެ ކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލުކަން ހޯދައިދިނުން ކަމަށެވެ.
އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫ އަރާނެ ބަހަކަށް އަދި ޢަމަލަކަށް ވެސް ޖާގަ ނުދިނުމަށް ރައީސް ގޮވައިލެއްވިއެވެ. ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް ރައީސް އަރިސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި 10 ވަނަ ދުވަސް ފާހަގަކުރަން ފެށީ 2001 ވަނަ އަހަރުއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ސަރަހައްދީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީތައް ހޯދައިފައެވެ. ވެކްސިން ކަވަރޭޖް 99 އިންސައްތައިގައި ހިފެހެއްޓުމުގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު (18/2019) އާއި ޖުވެނައިލް ޖަސްޓިސް ޤާނޫނު (19/2019) އަދި ތަޢުލީމުގެ ޤާނޫނު (24/2020) ފާސްކޮށް ތަންފީޒު ކުރެވެމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް