އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ލޯންޗް ކޮއްފި

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން މިއަދު ލޯންޗުކޮށްފިއެވެ. މި މުބާރާތަކީ ފާއިތުވެ ދިޔަ އަހަރު ތަކަށް ވުރެ ފޯރި ގަދަވާނެ، އަދި ހާއްސަ ހަރަކާތްތ...

10 Apr 2019 | 10:32

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން މިއަދު ލޯންޗުކޮށްފިއެވެ.

މި މުބާރާތަކީ ފާއިތުވެ ދިޔަ އަހަރު ތަކަށް ވުރެ ފޯރި ގަދަވާނެ، އަދި ހާއްސަ ހަރަކާތްތަކެއް ހިމެނިގެންދާނެ މުބާރާތެއް ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އެގޮތުން އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ފާހަގަ ކުރުމުގެ ގޮތުންނާއި، މަސްވެރިކަމުގައި އަންހެން ކަނބަލުން ބައިވެރިވުމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން އަންހެން ޓީމް ތަކަށް ހާއްސަ ބުރެއް ބޭއްވިގެންދާނެއެވެ. އަދި އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރު ވެސް މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް މި ބައްދަލުވުމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މަސްރޭސް ކާމިޔާބު ކުރާ ޓީމް ތަކަށް އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. އެގޮތުން، އެއްވަނަ ހޯދާ ޓީމަށް 50000 ރުފިޔާ  ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެންމެ ގިނަ މަސް ބޭނި " މުބާރާތުގެ މަސްވެރިޔާ" އަށް  5000 ރުފިޔާ އާއި ރަންކޯރި އެއް ލިބޭއިރު، އެންމެ ބަރު މަސް ބޭނި ފަރާތަކަށާއި، އެއްވަނަ އަންހެން ކެޔޮޅަށް ދޭން ހަމަޖެހިފައިވަނީ 5000 ރުފިޔާ އެވެ.

މަސްރޭސް ލޯންޗް ކުރުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދާ ސަގާފަތެއް ދިރުވުމުގަ ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެދިގެން ދިއުމަކީ، ލިބިގެންދިޔަ ޙާއްސަ އުފަލެއް ކަމަށެވެ. އަދި އެއީ މަސްރޭހާއި މެދު ފަޙުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށާއި، އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުމަށް އުންމީދު ކުރާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

މި މަސްރޭހުގައި ބައިވެރި ވުމަށް މި މަހުގެ 11 ވަނަ ދުވަހު ފުރުސަތު ހުޅުވާލާނެއެވެ. އަދި މި މުބާރާތުގައި ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމަކަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލާފައިވާނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހު ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް