ހެލްމެޓު އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފި އެވެ.
މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކަން ހިނގީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި ހެލްމެޓު އަޅައިގެން އައި ހަތަރު މީހަކު، މީހެއްގެ އަތުން ފައިސާ ފޭރިގަނެގެން ދިޔައީ ކަމަށެވެ. އަދި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"އެއީ ކޮންމެވެސް ކުންފުންޏަކުން އެސްބީއައިއަށް ޖަމާކުރަން އައި ފައިސާ ކަމަށް ބެލެވެނީ، މީހަކު ބަހަކުން ފޭބި ތަނުން ފޭރިގަނެގެން ދިޔައީ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްބީއައި ކައިރިން ހިނގާފައިދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގެންފައިވާ މައްސަލަ މިއަދު 09:53 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
"އެމީހާ އަތުން ފޭރިގެންފައިވަނީ ދެ ސައިކަލެއްގައި ހަތަރު މީހަކު ވެގެން، ތޫނު އެއްޗަކުން އިންޑިއާ މީހާއަށް ހަމަލާ ދިނުމަށްފަހު، މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ މި ހަތަރު މީހުންވެސް ތިބީ ހެލްމެޓު އަޅައިގެން ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަތަރު މީހުން ވަނީ ފިލާފައި ކަމަށެވެ. އަދި އެ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް